މިއަދާއި މިރޭ ވެސް ދެކުނާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ވިއްސާރަ ކުރަމުންދަ ކަމަށެވެ.

މި ވިއްސާރައިގައި ފާއިތުވި 42 ގަޑިއިރު އެންމެ ގިނަ އަދަދަކަށް ވާރޭ ވެހުނުކަމަށް ރެކޯޑްކުރެވިފައިވަނީ ސ.ގަން މެޓް އޮފީހުގައި ކަމަށް ވެސް މެޓުން ބުންޏެވެ. އެއީ 611 މިލިމިޓަރުގެ ވާރެ އެވެ. އަދި ވައި އެންމެގަދަވެފައި ވާކަމަށް ވެސް ރެކޯޑް ކުރެވިފައިވަނީ ގަޑިއަކު 55 މޭލު ބާރުމިނަށް ސ.ގަން މެޓް އޮފީހުގައި ކަމަށްވެސް މެޓުން ބުންޏެވެ.

ކޮޅިގަނޑު ރާއްޖެއާއި ދުރަށް، ހުޅަނގުއުތުރަށް ޖެހެމުންދާއިރު މާދަމާ އިން ފެށިގެން ރާއްޖެ ސަރަހައްދަށް ވާރޭވެހުން މަދުވެފައި ވައިޖެހޭ ބާރުމިންވެސް ދަށްވާން ފަށާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުންޏެވެ.

މިއަދާ މިރޭ ދެކުނާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށާއި އުތުރުގެ އެކިހިސާބަށް ވިއްސާރަވެ ގުގުރާނެ ކަމަށް މެޓުން ލަފާކުރެ އެވެ. މެޓުން ބުނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ވިލާގަނޑުގައި ގަޑިއަކު 54 މޭލާއި 44 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުންޏެވެ.

މެޓުން ބުނީ މިއަދާއި މިރޭ ދެކުނާއި މެދު ރާއްޖެތެރޭގެ ކަނޑުތައްވެސް އާންމު ގޮތެއްގައި ގަދަވާނެ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާކަމެއް ކަމަށް މެޓުން ބުންޏެވެ.

މެޓުން ވނަީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ވެސް މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ.