29 Mar 2021, 13:43
ރާއްޖޭގެ ހެލްތު މިނިސްޓްރީއާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ރާއްޖެއިން ގަތް އެއްލައްކަ ޑޯޒް ކޮވިޝީލްޑް ވެކްސިން ރާއްޖެ ގެނެސްފިއެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިއީ 23 މާޗް 2021 ގައި ރާއްޖެއާއި ސިރަމް އިންސްޓިޓިއުޓާ ސޮއިކުރި އެއްބަސްވުމުގެ ދަށުން ގެނެވޭ ވެކްސިންތަކުގެ ފުރަތަމަ ބެޗު ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ދެލައްކަ ޑޯޒް ކޮވިޝީލްޑް ވެކްސިން ރާއްޖެއިން ގަތުމަށް ހަމަޖެހިފައިވެއެވެ.
އެޗްއީއޯސީއިން މީގެ ކުރިން ބުނީވެކްސިން ގަތުމަށް ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކޮވިޝީލްޑްގެ ތިން ލައްކަ ޑޯޒް ގަންނާނެ ކަމަށެވެ.
އިންޑިއާ އިން ވަނީ މީގެ ކުރިން ރާއްޖެއަށް ދެ ލައްކަ ވެކްސިން ޑޯޒް ހަދިޔާ ކޮށްފައެވެ. އަދި ކޮވެކްސް ފެސިލިޓީއިން ވެސް ވަނީ ރާއްޖެއަށް 12،000 ކޮވިޝީލްޑް ވެކްސިން ޑޯޒު ލިބިފައިވެއެވެ.
ކޮވިޝީލްޑު ވެކްސިންގެ އެއް ލައްކަ ޑޯޒު ރާއްޖެ އަށް ގެނެސްފައި ވާއިރު މީގެ ކުރިން އެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން އަންނަ މަހު ފަށާނެ އެވެ.
އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާ އެކުވެސް ސަރުކާރުން ވަނީ ހަތް ލައްކަ ޑޯޒް ގެ ވެކްސިން ގަތުމަށް އެއްބަސްވުމެއް އެކުލަވާލައިފައެވެ.
ރާއްޖޭގައި ކޮވިޝީލްޑު ވެކްސިންގެ އިތުރުން މިހާރު ދެނީ ސައިނޯފާމް ވެކްސިން އެވެ. އެ ވެކްސިންގެ ދެ ލައްކަ ޑޯޒު ޗައިނާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާއިރު އޭގެ ތެރެއިން އެއް ލައްކަ ޑޯޒު ވަނީ މިދިޔަ ހަފްތާ ރާއްޖެ ގެނެސްފަ އެވެ.
ރާއްޖެއިން ވަނީ ފައިޒާ ވެކްސިނަށްވެސް ހުއްދަ ދީފަ އެވެ، އެ ވެކްސިންގެ 5،850 ވެކްސިން ޑޯޒު ރާއްޖެ ގެނެސްފައިވާއިރު އަދި އެ ވެކްސިން ދޭން ފަށައިފައެއް ނުވެ އެވެ.
އިއްޔެގެ ނިޔަލަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމުލައަކީ 232،175 އެވެ.