ޅ. ހިންނަވަރުގައި މަރުވި އުމުރުން ދުވަސްވީ މީހެއްގެ ސާމްޕަލް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ނައިފަރުގައި ހުންނަ އެެ އަތޮޅު ހޮސްޕިޓަލުން ބުނީ ހިންނަވަރުން އެ ހޮސްޕިޓަލަށް ގެންދިޔަ ބަލިމީހަކު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި އެމީހާގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ބުންޏެވެ.

ހިންނަވަރުން ނައިފަރަށް ގެންދިޔަ އުމުރުން 63 އަހަރުގެ މީހާއަށް ސްޓްރޯކެއް ޖެހި އިތުރު ފަރުވާއަށް ނައިފަރަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގައެވެ.

ކޮވިޑް ކޭސްތަކެއް ފެނި ހިންނަވަރާއި ނައިފަރުވެސް އޮތީ މޮނީޓަރިންގަ އެވެ.

މިމަހުގެ 21 އިން ފެށިގެން މިއަދާއި ހަމައަށް ނައިފަރުން 14 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެ އަތޮޅު ފެލިވަރުން 75 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޮޅުވެލިފުށިން ވެސް ކޮވިޑް ކޭހެއް ފެނި އެރަށް އޮތީ މޮނީޓަރިންގަ އެވެ. ހިންނަވަރުގައިވެސް ކޮވިޑްގެ އެއް ކޭސް އެބަ ހުއްޓެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގައި މަރުވި މީހާ އަކީ މަރެއްގެ ގޮތުގައި ނިންމި ކަމެއް އެޗްޕީއޭ އަކުން އަދި ހާމައެއް ނުކުރެ އެވެ. މިހާތަނަށް 66 މީހަކު ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވެފައިވާއިރު، ހިންނަވަރުން މަރުވި މީހާގެ މަރަކީ ކޮވިޑު މަރެއްގެ ގޮތުގައި ގުނައިފި ނަމަ އެ އަދަދު 67 އަށް އަރާނެ އެވެ.