06 Feb 2012, 08:37
ސިޔާސީ ވާދަވެރިކަން އޮތް ނަމަވެސް ވަތަން އެދުނީ އަނިޔާވެރި ކަމަކާއި ގެއްލުންތަކަށެއް ނޫނެވެ؛ ވަތަން އެދުނީ ސުލްހަވެރި ކަމާއި އަމާން ކަމަށެވެ. އެއް ބަޔަކު އަނެއް ބަޔަކަށް މާރާމާރީ ހިންގާ ދައުލަތާއި އާންމުންގެ މުދަލަށާއި ތަކެއްޗަށް ގެއްލުންދޭކަށް ނޫނެވެ. އެހެން ނަމަވެސް މިހާރު ފެންނަމުން ދަނީ އަނިޔާވެރިކަމާއި ގެއްލުން ދިނުން ކުރިޔަށް ނެރެ، ވަތަން ލޭގައި ފަތަންޖޭހޭ ހިސާބަށް ކަންތައް ގެންދާ ތަނެވެ. މަޑުމަޑުން، މަޑުމަޑުން ރާއްޖެ މިދަނީ އަނިޔާވެރި ކަމުގައި ގޯހުން ގޯހަށެވެ.
ސިޔާސީ ވާދަވެރި ކަމާއި ފިތުނަވެރި ކަމުގައި މިހާރު ފެނިގެން ދަނީ ދެމެދަށް އަނެއްކާ ވެސް ގޭންގްތަން ވަދެ ބާރުގަދަ ކުރާ މަންޒަރެވެ. ގާނޫނުތައް މުގުރުމަށްފަހު މީހުނާއި މުދަލަށް ގެއްލުންދީ ސުންނާފަތި ކުރާތަނެވެ.
"މިހާރު މިފެންނަނީ އެންމެ ނުރައްކާތެރި ހާލަތަށް ރާއްޖެ ދާ މަންޒަރު، ގެއްލުން ދިނުމާ ލޭ އޮރުވުމާ ދިމާއަށް،" މުޒާހަރާތަކާއެކު ފެންމަތިވެފައިވާ އަނިޔާވެރިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މާރީމާރީ އާއި ވައްކަންތަކާއި މީހުން މެރުމުގެ ބޮޑެތި ޖަރީމާތައް ރާއްޖޭގައި އިންތިހާއަށް ގޮސްފައި ވަނިކޮށް އެފަދަ ގޭންގް ކުއްތައް ހުއްޓުވުމަށްޓަކައި ފުލުހުން އެކި ފަހަރުމަތިން ހިންގި އޮޕަރޭޝަންތަކާއެކު ހިސާބެއްގެ ކޮންޓްރޯލެއް އައި ކަމަށް ބެލެވުނެވެ. ހާއްސަކޮށް ބޮޑެތި އަދަބުތައް ހިމަނާފައިވާ ގޭންގް ކުށްތައް ހުއްޓުވުމާ ބެހޭ ގާނޫނު އައި ހިސާބުން ފެށިގެން ގަބޫލުކުރެވިފައި އޮތީ ގާނޫނުގެ ސަބަބުން ގޭންތަކުގެ "ފަންކްޝަން" ހުއްޓުމަކަށް އައީ ކަމަށެވެ.
ގޭންގް ކުއްތައް މަނާކުރުމާ ބެހޭ ގާނޫނު ދަށުން ފައިސާގެ އެހީ ގޭންތަކަށް ފޯރުކޮށްދިން މީހެއްގެ އަދަބެއްގެ ގޮތުގައި ބައިލައްކަ ރުފިޔާ އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަކުން ޖޫރިމަނާކޮށް، ތިން އަހަރާއި ހަތް އަހަރާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށް ބުނެފައި އޮތުމުން ދެން އެ ދަރަޖައަށް ރާއްޖެ ނުދާނެ ކަމަށް ހީކުރެވުނަސް ފެންނަ މަންޒަރުން ކަން ވަނީ ހަމަ އެހެންތޯ ސުވާލު އުފެދެ އެވެ.
ގާނޫނުގެ އިމުން ބޭރުގައި ސިފައިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް އެމީހުންގެ ތަމްރީނު މަރުކަޒަށް ގެންދިޔަ ހިސާބުން ފެށިގެން މާލޭ ތެރޭގައި އުފެދުނު ސިޔާސީ ހަލަބޮލި ކަމުގެ ތެރެއިން ފެންނަ މަންޒަރުތަކަށް ބަލާއިރު ހިމޭނުންތިބި ގޭންގްތަކަށް ބާރުވެރި ކަމެއް ލިބި ކުށަށް އަރައިގަންނަތަން ދަނީ ފެންނަމުންނެވެ. މިދިއަ ވިއްސަކަށް ދުވަހުގެ ތެރޭގައި ފެނިގެން ދިޔައީ އެކަމެވެ.
ފުލުހުން ބުނާ ގޮތުގައި މާލެތެރޭގައި މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުންތަކަށް ބަލާއިރު ހިމޭނުންތިބި ގޭންގްތައް ހަރަކާތްތެރިވަމުންދާ ކަން ފާހަގަކުރެވެ އެވެ. އެއާއެކު މިދުވަސްވަރު ވެރިރަށް މާލޭގައި ހިންގާ ހަމަނުޖެހުންތަކައި ދެމުންދާ ގެއްލުންތަކާއި ކުށްކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
"ކުރިން ސައިލެންޓްކޮށް [ހިމޭނުން] ތިބި ގްރޫޕްތައް އެކްޓިވްވާން ފަށާފައިވާކަން ފާހަގަކުރެވޭ. މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މުދަލަށާއި ތަންތަނަށް ގެއްލުންދޭ މައްސަލަ ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައި،" ފުލުހުންގެ މީޑިޔާ އޮފިޝަލު، ސަބް އިންސްޕެކްޓާ ހަސަން ހަނީފު ވިދާޅުވި އެވެ.
އިދިކޮޅު ސިލްސިލާ މުޒާހަރާތަކުގެ ތެރެއަށް ވަދެގަންނަ ގްރޫޕްތަކުގެ ތެރޭގައި ވެސް "ގޭންގު"ތައް ހަރަކާތްތެރިވާ ކަމަށް ބައެއް ސިޔާސީ ބޭފުޅުން ތުހުމަތުކުރެ އެވެ. އެއީ ކުރިންސުރެ ވެސް އޮންނަ ތުހުމަތެކެވެ. އެއީ ހަގީތަކަށް ވިޔަސް ނުވިޔަސް އާއްމުންނަށް އުނދަގޫވާ ގޮތަށް އެކިއެކި ހަރަކާތްތައް ހިންގާ ސަރުކާރާއި އާންމުންގެ މުދަލަށާއި ތަންތަނަށް ބޮޑެތި ގެއްލުން ދިނުން ވަނީ އިތުރުވެފަ އެވެ.
ސިލްސިލާ މުޒާހަރާތައް ފެށުމާއެކު މިހާތަނަށް ހިނގައި ދިޔަ ކަންކަމުގެ ތެރޭގައި ވަރަށް ގިނަ ބަޔަކަށް އަނިޔާވެސް ލޭ އޮހޮރި، ބޮޑެތި ޒަހަމްތައް ލިބިފައިވާއިރު ސިލްސިލާކޮށް ގެންލުން ދިނުން ވެސް ވަނީ ފެށިފަ އެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީގެ ކޮއްކޮ، އަޒްބާން ފަހުމީ ދިރިއުޅޭ ގެއަށް ވަދެގަނެ، ހަމަލާދީ އެ ގެއަށް ވަރަށް ބޮޑަށް ގެއްލުން ދިނެވެ. އެއީ ބޮޑެތި ގެއްލުންތައް ގަސްދުގައި ދިނުމުގެ ސިލްސިލާ ފެށުނު ހިސާބެވެ. އޭގެ ފަހުން ޔޫތު މިނިސްޓަރު ހަސަން ލަތީފު ގެއާއި އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބުގެ އާއިލީ ވިޔަފާރި، މެގަޗިޕާއި އެމްޑީޕީގެ ރީކޯ މޫސާ މަނިކުގެ ހެވީ ލޯޑްގެ ޕިކަޕަކަށާއި އެމްޑީޕީގެ އޮފީހާއި މެންބަރު އަލީ އާޒިމްގެ ކިޗަން ކްއީން އާއި ޑިފެންސް މިނިސްޓަރުގެ ކާރާއި ހަސަން ޒާހިރު (ރާޑޯ ޒާހިރު) ގެ ރީފް ސައިޑް ފިހާރަ އާއި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ރެޑް ވޭވް ފިހާރަތަކާއި އިބްރާހިމް އިސްމާއީލް (އިބުރާ) ގެ މަންދު ކޮލެޖާއި ޕީޕީއެމްގެ އުމަރު ނަސީރުގެ އެލާމްސް އާއި ބައެއް ރެސްޓޯރެންްތްތަކާއި އެނޫން ވެސް ތަންތަން ހިމެނެ އެވެ.
އަދި "ޅިޔަނުކެފޭ"އަށް ބަޔަކު ވަދެގަނެ އެތާނގެ ބައެއް ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރަށް ޕީޕީއެމް އިން ބޭނުންކުރާ މުޒާހަރާ ޕިކަޕެއްގެ ބިއްލޫރިގަނޑު ތަޅާލައިފައިވާއިރު ފުލުހުންގެ ބައެއް ވެހިކަލްތަކަށާއި މާލޭ ސިޓީ ކައުންސިލުގެ ބައެއް އުޅަނދަށާއި އަލްހާން ފަހުމީގެ ކާރާއި އަމިއްލަ ބައެއް ފަރާތްތަލުގެ އުޅަނދު ފަހަރާއި ތަކެއްޗާއި ގޭގެއަށް ވެސް ވަނީ ގެއްލުން ދީފަ އެވެ.
ގެއްލުން ދީފައި ވަނީ މުޅިން ވެސް އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ މީހުންގެ މުދަލަށެވެ. ދެން ސަރުކާރުގެ މުދަލަށެވެ.
މުޒާހަރާތަކުގައި އެކި ރޭރޭ މަތިން ކުރިމަތިލުމަކަށް ގޮސް މީހުންގެ ގަޔަށް އަތްލައި "ގަލުގެ ވާރޭ" އާއި ލަޓި ބުރީގެ ހަމަލާގައި ބައެއް މީހުންގެ ގައިން ވަނީ ލޭ އޮހޮރިފަ އެވެ.
މާލޭގެ ކެފޭތަކުން ބުނާ ގޮތުގައި އާއްމު ގޮތެއްގައި ކޮންމެ ރެއަކުހެން އެތަންތަނަށް ގްރޫޕްތައް ވަދެގަންނަ ކަމަށާއި އެފަދަ މީހުން ތަނަށް ގެއްލުންތައް ދިނުމުގެ އިތުރުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހި ވެސް ބޭނުން ކުރެ އެވެ.
"އާއްމު ގޮތެއްގައި ބައެއް މީހުން ގްރޫޕް ހަދާފައި ވެދެގަންނަނީ އެކަމަކު ވެސް އެމީހުންގެ އުޅުމާ ބަހުރުވަ ހުންނަ ގޮތުން އެއްޗެކޭ ބުނާކަށް ކުޅަދާނެއެއް ނުވޭ،" ކެފޭއަކުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މާލެ ނާމާންތަނަކަށް ބަދަލުވެ ދިރިއުޅެން އެކަށީގެން ނުވާ ތަނަކަށް ބަދަލުވެއްޖެ ކަމަށް ގަބޫލު ކުރާ މީހުން މިހާރު ގިނަ އެވެ. މިހާރުގެ ހާލަތަށް ބަލާއިރު މާލޭގައި ދިރިއުޅެން އަމާން މާހައުލެއް ނެތް ކަމަށް އެމީހުން ދެކެ އެވެ.
އިދިކޮޅު ސިލްސިލާ މުޒާހަރާތައް ފެށުނީއްސުރެ މާލެ ތެރޭގެ އަމާންކަން ވަނީ ގާތްގަނޑަކަށް ގެއްލިފަ އެވެ. އާއްމުންނަށާއި ދައުލަތުގެ ތަންތަނަށާއި އާއްމުންގެ މުދަލަށާއި ފިހާރަތަކަށާއި ގެދޮރަށް ވެސް ބޮޑެތި ގެއްލުންތައް މިހާތަނަށް ދީފައިވާއިރު ވަރަށް ގިނަ މީހުންނަށް ވެސް ވަނީ ބޮޑި އަނިޔާތައް ލިބިފަ އެވެ.
އެ ހިސާބުން އަނެއްކާ ވެސް "ގޭންތައް" މާލެ ތެރޭގައި އެކްޓިވް ވެފައިވާއިރު އެމީހުންގެ ފަހަތުގައި ތިބީ ކޮން ބައެއް ކަން ފުލުހުން ނުބުންޏަސް އިދިކޮޅު ފަރާތްތަކާއި ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އެއިން ކަމަކަށް ޒިންމާ ނުވެ ދެ ފަރާތަށް އިނގިލި ދިއްކުރާނަމަ ގެއްލުންތައް ދޭ ގޭންގްތައް ގުޅިފައި ވަނީ ކޮން ދިމަ ދިމާއަކާކަން ވިސްނައިލީމާ އެނގޭހާވަރުވެ އެވެ.
ސާފު އެއް ކަމެއް އެބައޮތެވެ؛ ކޮންމެ ރެއެއްގައި މާލޭގައި ދޭ ގެއްލުންތަކަށް ފަހު އިދިކޮޅު ފަރާތްތަކާއި ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީން ވެސް އެކަންކަން ކުށްވެރިކޮށް ބަޔާންތައް ނެރޭ ކަމެވެ. ނޫސް ކޮންފަރެންސް ބާއްވާ ކަމެވެ. އެއް ވެސް ބަޔަކު އެއިން ކަމަކާ ހަވާލު ނުވާ ކަމެވެ. ކޮންމެ ބަޔަކު ވެސް އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކޮށް ތުހުމަތުތައް ކުރާ ކަމެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރު، އިމްތިޔާޒް ފަހުމީ ވިދާޅުވި ގޮތުގައި މާލެ ތެރޭގައި މިހާރު އޮތް ސިޔާސީ ހަމަނުޖެހުންތަކުގައި އިދިކޮޅު ފަރާތްތަކުން ގެންދަނީ ބޮޑެތި ކުށްތަކަށް އަރައިގަންނަމުންނެވެ. އެކަންކަން ކުރުމަށް އެކިއެކި ގްރޫޕްތަކުގެ ބޭނުން ހިފަމުންނެވެ. ކޮންމެ ރެއަކުމެ މާލޭގައި ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބީ އެފަދަ ގޭންގްތައް ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.
ސިޔާސީ ހަލަބޮލި ކަމާއި މުޒާހަރާތަކުގެ ތެރެއިން ތޫނު ހަތިޔާރު ހިފައިގެން ނުކުމެ އުޅެނިކޮށް، ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އެފަދަ މީހަކު ދާދިފަހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާތީ އިންތި ވަނީ ޝަރުއީ ދާއިރާ އަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އަދި އެފަދަ މީހުންނަކީ އިދިކޮޅު ފަރާތްތަކުގެ ބޮޑެތި ވިޔަފާރިވެރިން ފައިސާ ދީގެން އޮޕަރޭޓް ކުރާ ގޭންތައްކުގެ މީހުނެވެ.
"އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކުވެސް އެކަންތައްތައްތައް ނިންމާލުމަށްފަހު މާލެތެރޭގެ އަމަން ނަގާލުމަށް ހިންގާ ހަރާކާތްތަކުގައި އެކިތަންތަނަށް ގެއްލުންދީ ފިހާރަތަކުގެ ބިއްލޫރި ތަޅައި ގަސްތައް ވައްޓާލާ އެބަހަދާ، މިކަންތައްތައް ކުރާތަން މިފެންނަނީ ހަމަ ކުރިން ވެސް ފާހަގަކުރެވިފައިވާ ގޭންގްތަކުން،" އިންތި ވިދާޅުވި އެވެ.
ގާޒީ، އަބްދުﷲ މިނިވަން ކުރަން ގޮވާލާ އިދިކޮޅު ފަރާތްތަކުގެ ސިލްސިލާ މުޒާހަރާގައި އިސްކޮށް އުޅުއްވާ އުމަރު ނަސީރު ވިދާޅުވި ގޮތުގައި ގޭންގްތަކަކީ ކޮން ބަޔަކަށް ނިސްބަތްވާ ކޮން ސަރަހައްދެއްގެ ބައެއް ކަން ވަރަށް ރަނގަޅަށް ޓީވީތަކުން ފެންނަ މަންޒަރުތަކުންނާއި މުޒާހަރާގައި ހަރަކާތްތެރިވާ މީހުނަށް ވެސް އެނގޭނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު އެކްޓިވް ވެފައިވާ ގޭންގުތަކަކީ އިދިކޮޅު މުޒާހަރާތައް ހުއްޓުވަން ސަރުކާރުން ކުރާ މަސައްކަތް ނާކާމިޔާބުވެފައިވާތީ، ހުރަސް އެޅުމަށް އިތުރު ގޮތެއް ނެތިގެން ސަރުކާރުން ބާރުދީގެން ނެރެފައިވާ މެޝީންތަކެކެވެ.
"ސިޔާސީ ކަންތައްތަކުގެ ތެރެއަށް ގޭންތައް ވައްދައިގެން ސަރުކާރުން އުޅެނީ މުޒާހަރާތައް ނުހުއްޓުވިގެން، އެކަންތައް ހަޖަމް ނުކުރެވިގެން. އަޅުގަނޑުމެން އެފަދަ މީހުންނެއް ބޭނުމެއް ނުކުރަން،" އުމަރު ވިދާޅުވި އެވެ.
ސިޔާސީ ވަދައިގައި ދެފަރާތުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ހަމަނުޖެހުންތައް ދަނީ ހިންގަމުންނެވެ. ސަރުކާރުގެ ދެވަނަ ފުރުސަތުގެ ދަށުން އެތައް ގައިދީންނެއް ޖަލުން ނެރެ މުޖުތަމައުގެ ތެރެއަށް ވަނީ ދޫކޮށްލާފަ އެވެ. މުޒާހަރާތަކުގެ މަންޒަރު ބަދަލުވެ ދެފަރާތުން ކުރިމަތިލާފައިވާއިރު އެކި އެކި ގޭންގްތަކަށް ނިސްބަތްވާ ދެވަނަ ފުރުސަތުގެ މީހުން ނުކުމެފައި ވެއެވެ.
ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދުގައި އުފެދިފައިވާ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ގޭންތަކުގެ ބާރުވެރިކަންވަދެ، ވެރިރަށުގެ ހާލަތު ގަރަނބުކޮށްފައިވާއިރު މަސްރަހު އެނބުރެމުންދާ ގޮތުން ވަތަން އެދުނު ގޮތް ނުވެ ދާނަމަ ދެފަރާތުން އެދޭ އިންސާފުގެ ދަތުރުގައި ފެންނާނީ މި ވަތަން ލޭގައި ފަތަން ޖެހޭ ތަނެވެ.