29 Mar 2021, 01:17
ކުރިއަށް އޮތް ރޯދަމަސް ފެށުމުގެ ކުރިން ކޮވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހަން އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.
އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ރޯދަމަހު ވެކްސިން ޖެހޭނީ ކުޑަ ވަގުތުކޮޅެއްގައި ކަމަށެވެ.
"ކުރިއަށް އޮތް ރަމަޟާން މަހު ވެކްސިން ދިނުން ކުރިއަށްގެންދެވޭނީ މަދު ގަޑިތަކެއްގައި ކަމުން، ރަމަޟާން މަހުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒު ހޯދުމަށް އެދެން." އަހްމަދު ނާސިރު ވިދާޅުވި އެވެ.

އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު--
ރާއްޖޭގައި ކޮވިޑްގެ ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގަ އެވެ. އެއީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ދެމުންދިޔަ ކޮވިޝީލްޑް ވެކްސިން 18 އަހަރުން މަތީގެ އެންމެންނަށް ޖަހާދީފައި ވެއެވެ.
އެއަށްފަހު ސައިނޯފާމް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މި މަހުގެ 14 ވަނަ ދުވަހު ވަނީ ދީފަ އެވެ.
މި މަހުގެ 22ވަނަ ދުވަހު ޖަހަން ފެށި އެ ވެކްސިން ދެނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ. ސައިނޯފާމް ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހޭއިރު، މި ވެކްސިންގެ ދެ ޑޯޒް ދޭތެރޭ 2-4 ހަފްތާ ހޭދަކުރާނެއެވެ.
ރާއްޖެއިން މިހާތަނަށް ވެކްސިން ދިން މީހުންގެ ޖުމުލަ އަދަދަކީ 232،175 އެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 129،069 މީހުންނާއި އަތޮޅުތަކުން ވެކްސިން ދިން 103،106 މީހުންނެވެ.