28 Mar 2021, 22:14
ރާއްޖެއިން މިއަދު އިތުރު 121 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 49 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 46 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހުންގެ އިތުރުން ސަފާރީއަކުން ޕޮޒިޓިވްވި މީހަކާއި ސިނާއީ ބޭނުންތަކަށް ބޭނުންކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 13 މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 23،524 އަށް ވަނީ އަރާފަ އެވެ.
މިވަގުތު 2،728 މީހުންނަށް ބަލި ޖެހިފައިވާއިރު، އޭގެ ތެރެއިން 93 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގަ އެވެ.
މިއަދު 105 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 20،723 އެވެ. އެ ބަލީގައި ރާއްޖެއިން މިހާތަނަށް 66 މީހުން ވަނީ މަރުވެފަ އެވެ.
މިއަދު ވެކްސިން ދީފައިވަނީ ޖުމުލަ 2،045 މީހުންނަށެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 776 މީހުންނާއި އަތޮޅުތަކުން ވެކްސިން ދިން 1،269 މީހުންނެވެ.
މިހާތަނަށް ވެކްސިން ދިން މީހުންގެ ޖުމުލަ އަދަދަކީ 232،175 އެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 129،069 މީހުންނާއި އަތޮޅުތަކުން ވެކްސިން ދިން 103،106 މީހުންނެވެ.