ކ. ދިއްފުށިން އިތުރު 11 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ދިއްފުށީ ސިއްހީ މަރުކަޒުގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިއަދު ފެނުނު ކޭސްތަކާއެކު އެރަށުން ފެނުނު ކޭސްތަކުގެ ޖުމުލަ އަދަދު 31އަށް އަރާފައިވާ ކަމަށެވެ.

"ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 30 ދިވެހިންނާއި ފަތުރުވެރިއެއް. މިހާރުވެސް އިތުރު މީހުންގެ ސާމްޕަލް ނަގަމުންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ ދަށުން މިހާރު ނަތީޖާ ނަގަން ފޮނުވާފައި ހުރި ގިނަ ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާ ކަމަށެވެ.

ދިއްފުށިން ކޮވިޑްގެ ކޭސްއެއް ފެނި، މިމަހުގެ 23ވަނަ ދުވަހު އެ ރަށް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ.

ދިއްފުށިން ފުރަތަމަ ޕޮޒިޓިވްވީ ރ. އުނގޫފާރަށް ޑޮކްޓަރަށް ދައްކަން ދިއުށްފަހު އަނބުރާ ދިއްފުށްޓަށް އައި ދެ މީހުންނެވެ.

އުނގޫފާރުން ޕޮޒިޓިވް ކޭސްތަކެއް ފެނުނީ މި މަހުގެ 19ވަނަ ދުވަހުގަ އެވެ. އަދި މިމަހުގެ ދޭއްގެ ފަހުން އުނގޫފާރުން ފުރި މީހުން އަންގައިދިނުމަށާއި ހޯމް ކަރަންޓީންވެ ތިބުމަށް ވަނީ އަންގާފަ އެވެ.