28 Mar 2021, 17:19
އެންޓިކޮރަޕްޝަން ކޮމިޝަނުން ބަލާ މައްސަލައެއްގެ ނަތީޖާ އަންނަ ގޮތަކުން، ކޮމިޝަންގެ މެމްބަރުން މަގާމުން ދުރުކުރަން އުޅުމަކީ މިނިވަންކަމާއެކު މަސައްކަތްކުރުމަށް އެޅޭ ހުރަހެއް ކަމަށް އެ ކޮމިޝަންގެ ރައީސް، މަރްޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.
ކޮވިޑް19އަށް ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި، އޭސީީސީ އިން ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައެވެ. އަދި ލިބުނު އާ މައުލޫމާތުތަކާއެކުވެސް އުންސުރު ހަމަނުވާކަމަށް ބުނެ އެ މައްސަލައިގައި ދައުވާ ނުކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
އެއާއެކު މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ އޭސީސީގެ ރައީސް ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
މިއަދު 11 ޖެހި އިރު ބޭއްވި އެމްޑީޕީ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ވަނީ ޝިއުނާގެ ވަކިކުރުމާ ގުޅޭގޮތުން ވޯޓަށް އަހައިފަ އެވެ. ނަމަވެސް ޝިއުނާ ވަކިކުރަން ޕީޖީ ގުރޫޕުގެ ތާއީދެއް ނުލިބުނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިއުނާ ވިދާޅުވީ މަގާމާ ހަވާލުވިތާ މިވީ މުއްދަތުގައި މައްސަލައެއްގެ ނަތީޖާއާ ގުޅިގެން އޭސީސީގެ މެމްބަރުން މަގާމުން ދުރުކުރާނެ ކަމުގެ މަޝްވަރާކުރެވި، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ވެސް މަޝްވަރާކުރެވިފައިވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމެއް. މައްސަލައްގެ އައުޓްކަމް އަންނަ ގޮތަކުން ކޮންމެ ފަހަރަކު އަޅުގަނޑުމެން މަގާމުން ދުރުކުރަންޖެހޭ ކަމަށް ވެއްޖެއްޔާ މިގޮތަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމެއް. އޭސީސީ މިނިވަންކަމާ އެކު މަސައްކަތްކުރަން އެޅޭ ހުރަހެއް ކަމަށް ވެސް އަޅުގަނޑުމެން ގަބުލުކުރަން،" ޝިއުނާ ވިދާޅުވި އެވެ.
ޝިއުނާ ވިދާޅުވީ ހުރިހާ މައްސަލައެއް އެންމެ ފުރިހަމައަށް ނުގެންދެވިދާނެ ކަމަށާއި، މައްސަލައެއްގައި ހިޔާލު ތަފާތުވުން އުފެދުމަކީ މައްސަލައެއް ނޫން ކަމަށެވެ.
އަދި ޕްރޮސެސް އޮންނަ ގޮތުން، އޭސީސީ އިން ތަހުގީގުކޮށް މައްސަލައެއް ޕީޖީއަށް ފޮނުވުމުން، ހެކި ވަޒަންކޮށް، ކޯޓުގައި މައްސަލަ ސާބިތުކުރެވިދާނެތޯ ނޫންތޯ ނިންމާނީ ޕީޖީ އޮފީހުން ކަމަށެވެ. އެހެން ނަމަވެސް ޕީޖީއަށް ފެންނަ ނަމަ، މައްސަލަ އަލުން ރިވިއުކުރަން އަނބުރާ ފޮނުވާލެވިދާނެ ކަން ވެސް ވެސް ޝިއުނާ ފާހަގަކުރެއްވި އެވެ.
"ޕީޖީ އޮފީހާ ދެބަސްވާ ކަންކަން ވެސް ހުންނާނެ. އެއްބަސްވާ ކަންކަން ވެސް ހުންނާޏެ. ބެކް އެންޑް ފޯތު ދާނެ،" ޝިއުނާ ވިދާޅުވި އެވެ.
ޝިއުނާ ވިދާޅުވީ ފާޑުކިޔުމަކީ ޒާތީކޮށް ނަގާ ކަމެއް ނޫން ކަމަށާއި، މިފަދަ ބޮޑެތި މައްސަލަތަކުގައި އެކި ފަރާތްތަކުން ފާޑުކިޔުމަކީ ވެސް ރަނގަޅު، އަދި ބަލައިގަންނަ ކަމެއް ކަމަށެވެ.
ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.