ބްރެޒިލިއާ (މާޗް 28): ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ އެގައުމުގެ ނޫސްވެރިޔަކާ ބެހޭ ގޮތުން ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާއަށް ލިބުނު ގެއްލުމަށް ބަދަލު ދޭން އެގައުމުގެ ކޯޓަކުން އަންގައިފި އެވެ.

ބްރެޒިލްގެ ސައޮ ޕައުލޯގެ ކޯޓަކުން ނިންމާފައި ވަނީ ނޫސްވެރިޔާ ޕެޓްރީޝިއާ ކެމްޕޯސް މެލޯއާ ބެހޭ ގޮތުން މިދިޔަ މަހު ބޮލްސޮނާރޯ ދެއްކެވި ވާހަކައަކުން އޭނާގެ އަބުރަށް ހުތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ގެއްލުމުގެ ބަދަލެއްގެ ގޮތުން ރައީސް އޭނައަށް 3،500 ޑޮލަރު ދޭން ޖެހޭ ކަމަށެވެ.

ކެމްޕޮސް މެލޯ ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބޮލްސޮނާރޯއާ ވާދަ ކުރި ކެންޑިޑޭޓުންތަކެއްގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަ ދެއްކި ޖަމިއްޔާއަކާ ބެހޭ ގޮތުން ތަހުގީގީ ރިޕޯޓުތަކެއް ލިޔެފަ އެވެ. އަދި ބޮލްސޮނާރޯ ވަނީ އޭނާއަށް ތާއިދު ކުޑަވާ ފަދަ މައުލޫމާތު ހޯދުމަށްޓަކައި މެލޯ މީހަކާ "ޖިންސީ ގުޅުން ހިންގަން ހުށަހެޅި" ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އެ މައްސަލައިގައި ކޯޓުން ނިންމި ގޮތާ ބެހޭ ގޮތުން އުފާ ފާޅު ކުރަމުން ކެމްޕޮސް މެލޯ ވަނީ އެއީ "ހުރިހާ އަންހެނުންނަށް ލިބުނު ކާމިޔާބީއެއް" ކަމަށް ބުނެފަ އެވެ. އަދި ނޫސްވެރިންނަށް ކުރާ ފުރައްސާރައާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ޖާނަލިސްޓްސް އެގެންސްޓް ހެރޭސްމެންޓްއިން ވަނީ އެއީ "އަންހެން ނޫސްވެރިންނަށާއި ބްރެޒިލްގެ ނޫސްވެރިކަމަށްވެސް ވަރަށް ރަނގަޅު ދުވަހެއް" ކަމަށް ބުނެފަ އެވެ.

އެ މައްސަލައިގެ ހުކުމް އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ކޯޓުން ވަނީ ބޮލްސޮނާރޯއަށް ދީފަ އެވެ.