ނެޕިޓާއޮ (މާޗް 28) : މިޔަންމާގެ އިންތިޚާބީ ސަރުކާރު ވައްޓާލުމަށްފަހު އެގައުމުގެ ސިފައިން އެކުލަވާލާފައިވާ އަސްކަރީ ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރާ މުޒާހަރާތަކަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުން މިއަދު އެކަނިވެސް 140 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެއެވެ.

މިއީ އަސްކަރީ ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރާ މުޒާހަރާތަކުގައި އެއްދުވަހެއްގައި މިހާގިނަ މީހުން މަރާލި ދުވަހެވެ. މިޔަންމާގެ އަސްކަރީ ސަރުކާރުންވަނީ އިހްތިޖާޖްގެ ނަމުގައި ހަމަނުޖެހުންތައް ހިންގާނަމަ ހަރުކަށި ފިޔަވަޅުއަޅާނެކަމުގެ އިންޒާރު ދީފައެވެ. މިޔަންމާގެ އިދިކޮޅު ފަރާތްތައް ބުނާގޮތުން ފުލުހުންވަނީ މުޒާހަރާތަކަށް ނުކުންނަ މީހުންގެ ގަޔަށް ބަޑިޖަހާނެ ކަމުގެ އިންޒާރު ދުރާލާ ދީފައެވެ. ނަމަވެސް މީހުންގެ ގަޔަށް ބެލުމެއްނެތި ބަޑިޖަހާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނާބުނުން ފުލުހުންނާއި ސިފައިންވެސް ދޮގުކުރެއެވެ.

އެފަރާތްތައް ބުނާގޮތުން ބަޑިޖަހާ ހިސާބަށް ކަންތައްތައްދަނީ މުޒާހަރާކުރާ މީހުން ތަންތަނުގައި ހުޅުޖަހައި ފިހާރަތައް ލޫޅުވައި ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާތީއެވެ.

މިޔަންމާގެ ސިފައިން އިއްޔެވަނީ އެގައުމުގެ "ސިފައިންގެ 76 ވަނަ އަހަރީ ދުވަސް" ފާހަގަކޮށްފައެވެ. އެކަމާދެކޮޅަށް މުޒާހަރާކުރި މީހުންގެ ގަޔަށް ބަޑިޖަހައި އިއްޔެވެސް 100 އަށްވުރެ ގިނަ މީހުން މަރާލިކަމަށް ރިޕޯޓްތައް ބުނެއެވެ. ބައެއް ރިޕޯޓްތަކުގައި އިއްޔެ 107 މީހުން މަރާލިކަމަށް ބުނާއިރު އަނެއްބައި ރިޕޯޓްތައް ބުނާގޮތުން އިއްޔެ މަރާލި މީހުންގެ އަދަދަކީ 114 އެވެ.

ސިފައިންގެ ދުވަސް ފާހަގަކުރުމަށް ވެރިރަށް ނޭޕީޓާއޮ ގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މިޔަންމާގެ އިންގިލާބީ ވެރިޔާ އަދި ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް މިން އާންގް ލޭންގްއެވެ. އޭނާވަނީ މިދިޔަ ފެބްރުއަރީމަހު ގެ އެއްވަނަ ދުވަހު މިޔަންމާގެ ސްޓޭޓް ކައުންސިލާ (ބޮޑުވަޒީރު) އަންގްސަން ސޫޗީ ގެ ސަރުކާރާ ދެކޮޅަށް ސިފައިން ގެނައި ބަޣާވާތް ދިފާއުކުރައްވައި ވާހަކަ ދައްކަވާފައެވެ. ނަމަވެސް ދާދިއަވަހަށް އިންތިޚާބެއް ބާއްވައިގެން އިންތިޚާބީ އައު ސަރުކާރަކާ ވެރިކަން ހަވާލުކުރާނެކަމަށް ޖެނެރަލް މިން އާންގް ލޭންގް ވިދާޅުވިއެވެ.

އަންގްސަން ސޫޗީ ގެ ސަރުކާރު ވައްޓާލީ މިދިޔަ ނޮވެމްބަރުމަހު އިންތިޚާބު އޮޅުވާލައިގެން ވެރިކަމަށް އައުމަށް އަންގްސަން ސޫޗީ މަސައްކަތް ކުރެއްވުމުން ކަމަށް ޖެނެރަލް މިން އާންގް ލޭންގް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. މިޔަންމާގެ އާންމުން އެގައުމުގެ އަސްކަރީ ސަރުކާރާ ދެކޮޅަށްކުރާ މުޒާހަރާތަކަށް ބަޑިޖަހައި މީހުން މަރަމުން ގެންދާ މައްސަލަ އދ. ންނާއި އެމެރިކާ އަދި ޔޫރަޕްގެ އިއްތިޙާދުން ވަނީ ކުށްވެރިކޮށްފައެވެ. (ނޫސްއެޖެންސީތައް)