28 Mar 2021, 16:13
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މިހާރު އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އަޕްޑޭޓްކޮށްފައިވާ ކަމަށެވެ.
ލިސްޓު ފައިނަލްކޮށްފައި ވާނީ 10 އޭޕްރީލް އަށް 18 އަހަރު ފުރޭ ހުރިހާ ދިވެހި ރައްޔިތުން ހިމަނައިގެން ކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ އަޕްޑޭޓްކުރި ލިސްޓުގައި 273،128 މީހުން ހިމެނޭ ކަމަށާއި އޭގެ ތެރެއިން 5134 މީހުންނަކީ އިންތިހާބު ލަސްކުރުމުން އެއް އަހަރު ތެރޭގައި 10 އޭޕްރީލް އާ ހަމައަށް 18 އަހަރު ފުރޭ މީހުން ކަމަށެވެ.
އަންނަ މަހު 10 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ.
މިފަހަރުގެ އިންތިހާބަށް 735 ވޯޓުލާ މަރުކަޒު ބިނާކުރަންޖެހޭނެ ކަމަށް އީސީން ވަނީ ލަފާކޮށްފަ އެވެ. އެއީ ރިސޯޓުތަކަށާއި، އެޗްޕީއޭގެ ގައިޑްލައިންއާ ގުޅިގެން މާލެއަށް އިތުރުވާ ފޮށިތަކާ އެކު އެވެ. މިފަހަރުގެ އިންތިހާބުގައި ވޯޓުފޮށި ބަހައްޓަން އެދޭ ހުރިހާ ރިސޯޓެއްގައި ވެސް ވޯޓުލުން ކުރިއަށް ގެންދަން ވަނީ ނިންމައިފައި ވާތީ އެވެ.