އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހައްގުނޫން ގޮތެއްގައި ފަހަރިއެއްގެ ގައިގައި އިނގިލި ކުރި ވެސް ޖައްސާފައި ނުވާނެ ކަމަށް ބުނެ މާތްﷲ ގައްދީ އޭނާ ހުވާ ކުރައްވައިފި އެވެ.

މިރޭ އާޓްފިޝަން ބީޗު ސަރަހައްދުގައި އިދިކޮޅު ފަރާތްތަކާއި ސަރުކާރު ހިންގާ އެމްޑީޕީން އެއްތަނެއްގައި ތިބިގެން ފުލުހުންގެ ދެ ސަފުތަކުގެ ދެމެދު ބަދަލު ކުރި ބަހުގެ ހަމަލާތަކުގައި އެމްޑީޕީން ތުހުމަތުކޮށްފައި ވަނީ އިމްރާންއަކީ އޭނާގެ ފަހަރިއަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި މީހެއް ކަމަށެވެ. އެ ވާހަކަތަކާ ގުޅުވައި އިމްރާނަށް ނިސްބަތްކޮށް ހަޑިހުތުރުބަހުރުވައިން އަޑު ގަދަކޮށް އަވަގުރާނަ ގޮވި އެވެ.

~
ރައްދުގައި އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހުންނަވައިގެން ޓީވީ ޗެނަލްތަކުން ލައިވް ކުރަމުންދިޔަ މުޒާހަރާގެ ތެރޭގައި އިމްރާން ވިދާޅުވީ ފަހަރިއަކާ ނަހަމަ ގުޅުން ހިންގި ކަމަށް ބުނާ ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެކަމަށް ﷲ ގައްދީ ހުވާކޮށް އެވާހަކަތައް އޭނާ ދޮގު ކުރެއްވި އެވެ.

ފަހަރިއަކާ ނަހަމަ ގުޅުން ހިންގި މައްސަލާގައި އިމްރާންގެ މަންމަ އޭނާއާ ވާހަކަ ނުދައްކާ ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުން އިމްރާން ވިދާޅުވީ "މަންމަ އެންމެ ލޯބި ވަނީ ވެސް އަހަރެންދެކެ" ކަމަށެވެ. އަދި މަންމަ އޭނާ އަށް ކުރާ ހެޔޮ ދުއާގެ ސަބަބުން ނަސްރު ލިބެމުންދާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުގެ ބޭބެއެއް ނުހުންނާނެ. އަޅުގަނޑައަކީ އާއިލާގެ އެންމެ ބޮޑު މީހާ. އަޅުގަނޑު ތިބެނީ ކޮއްކޮއިން.. ތިޔަ ހުރިހާއެންމެ ހެކިކޮށް، އަދި ﷲ ހެކިކޮށް މިބުނަނީ އަޅުގަނޑުގެ ކޮއްކޮއެއްގެ އަންބެއްގެ ގައިގައި އިނގިލި ކުރި ވެސް ޖައްސާފައި ނުވާނެ، ހައްގުނޫން ގޮތެއްގައި. ދެން ކިޔާބަލަ މާދަމާ ފަހަރި ތޅއ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އޭނާގެ ފަސްބައި ކިލަނބު ނަމަ ސިޔާސީ ފަރާތްތަކާ އެކު ސްޓޭޖުތަކަށް ނާރާނެ ކަމަށާއި އެފަދަ ކަމެއްކޮށްފައިވާނެ ނަމަ އެކަމާ އޭނާ ލަތުވެތިވާނެ ކަމަށެވެ.

އިމްރާން އޭނާގެ ފަހަރިއަކާ ނަހަމަ ގުޅުން ހިންގާ ކަމަށް ބުނާ ވާހަކަތައް އެމްއެންބީސީން ގެނެސްދިން މައްސަލައަށް އިޝާރާތްކޮށް ވިދާޅުވީ އޭނާ އަށް ލިބުނު އަބުރުގެ ގެއްލުމުގެ ބަދަލު ސަރުކާރުން ހިންގާ އެމްއެންބީސީން ދޭން ޖެހޭނެ ކަމަށެވެ.