28 Mar 2021, 13:17
ޑާކާ (މާޗް 28) : އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ބަންގްލަދޭޝް އަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް މާދީއާ ދެކޮޅަށް ބަންގްލަދޭޝްގައި އިއްޔެ ކުރި އިޙްތިޖާޖުތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ދެ ދުވަސް މަތީން ނުވަ މީހަކު މަރާލައި އެތައް ބަޔަކު ޒަހަމުވެއްޖެ އެވެ.
ވެރިރަށް ޑާކާގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލެއްކަމަށްވާ "ބަރްހަމަންބާރިއާ"ގެ މަސްއޫލުވެރިންނާ ހަވާލާދީ ރޮއިޓާސް ބުނި ގޮތުގައި އުންޑައަރައިގެން މަރުވި ތިން މީހެއްގެ ހަށިތަކާއި އުންޑައަރައިގެން ޒަޚަމްވެފައިވާ ދެ މީހަކު އެހޮސްޕިޓަލަށް ގެންދިއަ އެވެ. ނަމަވެސް ޒަޚަމްވެގެން ގެންދިޔަ މީހުންގެ ފުރާނަ ވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ ގޮސްފަ އެވެ. މާދީއާ ދެކޮޅަށް ބަންގްލަދޭޝްގައި ކުރި މުޒާހަރާތަކާ ދެކޮޅަށް ބަންގްލަދޭޝްގެ ފުލުހުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރި ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

މޯދީ ބަންގަލަދޭޝަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އާ ބައްދަލުކުރައްވަނީ
ފުލުހުން ބުނި ގޮތުގައި ބަޑިޖަހަން މަޖްބޫރުވީ މޯދީއާ ދެކޮޅަށް މުޒާހަރާކުރި މީހުން ހަމަނުޖެހުން އުފައްދަން ފެށުމުންނެވެ. މާދީއާ ދެކޮޅަށް ބަންގްލަދޭޝްގައި ކުރި މުޒާހަރާތަކުގައި ގިނައިން ބައިވެރިވެފައި ވަނީ ބަންގްލަދޭޝްގެ އިސްލާމީ ޖަމްއިއްޔާތަކަށް ނިސްބަތްވާ މީހުންނެވެ. މޯދީގެ ސަރުކާރުން އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ލާއިންސާނީ އަމަލުތަކާއި ޖަންމޫ ކަޝްމީރުގައި އިންޑިއާ ސިފައިން ހިންގާ ހަރުކަށި އަމަލުތައްް ކުށްވެރިކޮށް މީގެ ކުރިން ވެސް އެޖަމާއަތްތަކުން އިސްނަގައިގެން ބަންގްލަދޭޝްގައި މުޒާހަރާތައް ކޮށްފައިވެ އެވެ.
މޯދީ އިންޑިއާއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަށް ފަހު އިއްޔެ އޭނާ ވަނީ އެނބުރި ގައުމަށް ވަޑައިގެންފަ އެވެ. މޯދީ އާ ދެކޮޅަށް ބަންގްލަދޭޝްގައި އިއްޔެ ކުރި މުޒާހަރާތަކުގައި ފަސް މީހުން މަރުވެފައިވާ އިރު ހުކުރު ދުވަހު މޯދީއާ ދެކޮޅަށްކުރި މުޒާހަރާތަކުގައި ވެސް ހަތަރު މީހުން މަރުވެފައިވެ އެވެ. އިންޑިއާގައި މިހާރު ވެރިކަންކުރާ ބަރަތިޔާ ޖަނަތާ ޕާޓީއަކީ ހިންދޫންނަކީ އިންޑިއާގެ އެހެން ދީންތަކާއި އެހެން ނަސްލުތަކުގެ މީހުންނަށް ވުރެ މާމަތިވެރި ބައެއްކަމަށް ދެކޭ ހިންދޫ ގައުމީ ހައްދުފަހަނަޅާފައިވާ ފިކުރު ކަމަށްވާ "ރަސްތިޔާ ސްވެޔަމް ސެވަކް ސަންހް" (އާރުއެސްއެސް) ފިކުރުގެ ޕާޓީއެކެވެ. (ރޮއިޓާސް)