28 Mar 2021, 12:51
ދެހާސް އަށާރަ ވަނަ އަހަރުގެ ތެރޭގައި ހިޔާ މަޝްރޫއުގެ ފްލެޓްތައް އިއުލާނުކުރެވުނު ދުވަސްވަރު ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ދަފްތަރުގައި ޖެހިފައިވާ ކަމަށާއި، އެ އަހަރު ރަށްރަށުން 1972 މީހަކު ދަފްތަރުގައި ޖެހުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީގެ ރިޕޯޓުގައި ބުނެފި އެވެ.
ދަފްތަރަށް އެކި ދުވަސްވަރު ތަފާތު ބަދަލުތައް އައިސްފައިވާއިރު، މާލޭގެ ރައްޔިތުންގެ ތެރެއިން ތަފާތު ސަބަބުތަކާހުރެ ގޯއްޗެއް ނުވަތަ ދިރިއުޅޭނެ ގެއެއް ލިބިފައިނުވާ ފަރާތް ތަކާއި، ރަށްރަށުން މާލެ ބަދަލުވެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކާއި ރަށްރަށުން މާލެ ބަދަލުވެ ގޭގޭގައި ޖެހިފައިވާ ފަރާތްތައްވެސް ދަފްތަރުގައި ހިމެނެ އެވެ.
އެގޮތުން މިހާތަނަށް ޖުމްލަ 18،609 މީހަކު ދަފްތަރުގައި ޖެހިފައިވާކަމަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ތަރިކަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ރިޕޯޓުގައި ބުނެފައި ވަނީ މިހާތަނަށް މާލޭގެ ދަފްތަރުގައި އެންމެ ގިނަ މީހުން ޖެހިފައިވާކަމަށް ފާހަގަކުރެވިފައިވަނީ 2018 ވަނަ އަހަރު ކަމަށެވެ. އެގޮތުން އެ އަހަރު 1972 ފަރާތެއް ދަފްތަރުގައި ޖައްސާފައިވާކަމަށް ރިޕޯޓުގައިވެ އެވެ.
މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި މީހުން ޖައްސަން ފަށާފައިވަނީ 24 ފެބުރުއަރީ 1987 ވަނަ އަހަރުން ފެށިގެންނެވެ. އަދި މި އަހަރުގެ މިހާތަނަށް މާލޭގެ ރައްޔިތުންގެ ތެރެއިން ދަފްތަރުގައި ޖެހިފައިވަނީ ޖުމްލަ 3342 ފަރާތެކެވެ.
މާލޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ އަހަރަކު ވަކިވަކިން ދަފްތަރުގައި މީހުން ޖެހިފައިވާ ޢަދަދުތައް
ރަށްރަށުން މާލެ ބަދަލުވެ، މާލޭގެ ދަފްތަރުގައި ޖައްސަން ފަށާފައިވަނީ 1994 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން، 1994 ވަނަ އަހަރުން ފެށިގެން މިހާތަނަސް ރަށްރަށުން މާލޭގެ ދަފްތަރަށް ބަދަލުވެފައިވާ ޖުމްލަ 7736 ފަރާތެއް ހިމެނެ އެވެ.
ރަށްރަށުން މާލެ ބަދަލުވެ ކޮންމެ އަހަރަކު ވަކިވަކިން ދަފްތަރުގައި މީހުން ޖެހިފައިވާ ޢަދަދުތައް
ރަށްރަށުން މާލެ ބަދަލުވެ، މާލޭގެ ގޭގޭގައި ޖައްސަން ފަށާފައިވާކަމަށް ފާހަގަކުރެވިފައި ވަނީވެސް 1994 ވަނަ އަހަރުން ފެށިގެން ކަމަށާއި މިހާތަނަށް ރަށްރަށުން މާލެއަށް ބަދަލުވެ، މާލޭގެ ގޭގޭގައި ޖެހިފައިވާ ޖުމްލަ 6849 ފަރާތެއް ވާކަމަށް ކޮމިޓީ ރިޕޯޓުގައިވެ އެވެ.
ރަށްރަށުން މާލެ ބަދަލުވެ މާލޭގެ ގޭގޭގައި މީހުން ޖެހިފައިވާ ޢަދަދުތައް
ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ހިޔާ މަޝްރޫއުގެ ފްލެޓްތައް އިއުލާނުކުރެވުނު ދުވަސްވަރު ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ދަފްތަރުގައި ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން، މާލޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ބޯހިޔާވަހިކަމެއް ހަމަޖެހިފައިނުވަނީސް، މާލޭގައި ދިރިނޫޅޭ ގިނަ އަދަދެއްގެ ބަޔަކު ކުއްލިއަކަށް ދަފްތަރަށް އިތުރުވެފައިވާއިރު، ފާއިތުވި އަހަރުތަކުގެ ތެރޭގައި ދަފްތަރަށް މީހުން އިތުރުނުވާވަރަށް އެ އަހަރު އިތުރުވިކަން ފާހަގަވާ ކަމަށެވެ.
ހަމައެއާއެކު 2018 ވަނަ އަހަރު ކުއްލިގޮތަށް ދަފްތަރުގައި މީހުން ޖައްސާފައިވަނީ ބައެއް މީހުން ރަށްރަށުގެ ރަޖިސްޓަރީން ނުކެނޑިކަމަށް މާލެ ސިޓީ ކައުންސިލުން ފާހަގަކޮށްފައިވާކަމަށެވެ.
އެހެންކަމުން 2018 ވަނަ އަހަރު ދަފްތަރުގައި ގިނަ އަދަދަކަށް އެއްފަހަރާ މީހުން ޖެހިފައިވާ އުސޫލުތައް ސާފުވާންނެތުމުން، މާލެ ސިޓީ ކައުންސިލުން އެކަން ހިނގާފައިވާގޮތް ރަނގަޅަށް ދިރާސާކޮށް ބެލުމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.
ކޮމިޓީން ބުނީ ދަފްތަރުގައި މީހުން ޖެހިފައިވާ އަދަދާއި މާލޭގައި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ މިންވަރު ގިނަވެފައިވުމާއެކު، ހާއްސަކޮށް މާލޭގެ ރަށްވެހިންގެ ތެރެއިން ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހަމަޖެހިފައިނުވާ ހިނދު، ދަފްތަރުގައި މިހާތަނަށް ޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ގޮތަކާމެދު، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ޕްލޭނިން މިނިސްޓަރު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށެވެ.
އެހެންކަމުން އެކަމަށް ހައްލެއް ގެންނަންޖެހޭ ކަމަށާއި ދަފްތަރުގައި މިހާތަނަށް ޖެހި، ބޯހިޔާވަހިކަން ހަމަޖެހިފައިވާނުވާ ފަރާތްތަކަށާއި، މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ހަމަޖެހިފައިވާނުވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އަވަސް ހައްލެއް ހޯދައިދިނުމަށާއި، ދަފްތަރާ ގުޅޭގޮތުން ހަރުދަނާ ސިޔާސަތުތަކެއް ސަރުކާރުން އެކުލަވާލުމަށް ވަނީ ލަފާދީފަ އެވެ.
ދަފްތަރު ތައާރަފްކުރީ 1960 ގެ އަހަރުތަކުގެ ތެރޭގަ އެވެ. އަދި ދަފްތަރުގައި މީހުން ޖެއްސުމުގައި އަމަލުކުރަމުން އަންނަނީ 1978 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން، 1987 ގައި ފާސްކުރި ގަވާއިދެއްގެ ދަށުންނެވެ.
ދަފްތަރު ތައާރަފްކުރިއިރު ރާއްޖެ އަދި ހާއްސަކޮށް މާލެ އޮތް ހާލަތަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީ، ދަފްތަރާ ގުޅޭގޮތުން ހަރުދަނާ ގާނޫނީ އޮނިގަނޑެއް ޒަމާނާ އެއްގޮތަށް ތައްޔާރުކުރުން މުހިންމުކަމަށް ފެންނަ ކަމަށާއި ފަދަ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ވެސް ކޮމިޓީ ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.