މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކޮށްފި ނަމަ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ފަށާނީ ގުޅީ ފަޅުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރެވެން ހުރި މަސައްކަތް ކުރުމަށް ކަމަށް ކުރގެ ހައުސިންގެ މިނިސްޓަރު އަދި ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުން އެދޭ އަމާޒަށް" ނަމުގައި ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުން ބޭނުން ވަނީ ބޯހިޔާވަހި ކަމަށް ދާއިމީ ހައްލެއް ކަމަށެވެ. ފްލެޓަކީ ދާއިމީ ހައްލެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން ބަލާއިރު މާލޭ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ގުޅީ ފަޅުން ގޯތި ދޫކުުރުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ގުޅީ ފަޅުގައި ވިޔަފާރި ބަނދަރު ހެދުމަކީ އެތަނާ ނުބައްދަލު ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އެތަނަކީ [ގުޅީފަޅަކީ] ގެދޮރުވެރި ކަމަށް ހާއްސަ ތަނަކަށް ހެދިއްޖެއްޔާ ގޯތި ބޭނުންވާ ރައްޔިތުންނަށް ގޯތި ދީ. ފެލެޓް ބޭނުންވާ ރައްޔިތުންނަށް ފްލެޓް ދެވި. އެތަނަކީ މާލޭ ކައިރީގައި ބްރިޖުން ވެސް ގުޅާލެވިފައި އޮންނާނެ ގެދޮރުވެރި ކަމަށް ހާއްސަ މަންޒިލަކަށޭ ވާންޖެހޭނީ." މުއިއްޒު ވިދާޅުވި އެވެ.

ގޯއްޗެއް ލިބުމާމެދު މާލޭ ރައްޔިތުން ކުރާ އުންމީދު އަދި ގެއްލުވާލާ ހިސާބަށް ނުދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މާލޭ ރައްޔިތުންގެ ކިބައިން ސަރުކާރުގައި ދަންނަވައިގެން ގޯތި ގެދިރުގެ މައްސަލަ އަށް ހައްލު ހޯދުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިތުބާރާއެކު މާލޭ ރައްޔިތުން މޭލޭގެ މޭޔަރު ކަމަށް މުއިއްޒު އިންތިހާބު ކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ. ވިދާޅުވީ އިންތިހާބު ކޮށްފިނަމަ މާލޭ ރައްޔިތުން ހަވާލު ކުރި އަމާނާތް ފުރިހަމައަށް އަދާކޮށްދެއްވާނެ ކަމަށެވެ.