06 Feb 2012, 00:21
އިސް ގާޒީ ހައްޔަރުކުރި ފަހުން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގެ ވައްތަރު އެންމެ ބޮޑަށް ފެނިގެން ދިޔަ އެއް މުޒާހަރާއަކީ މިރޭގެ މުޒާހަރާ އެވެ.
ކުރިއަށް ވުރެ ގިނައިން މީހުން އެއްވެ ތިބި އިރު އެމީހުންނާ ދެކޮޅަށް ވެސް ބަޔަކު އެއްވެ ތިއްބެވެ. ވަރަށް ބޮޑަށް އިންތިޒާމުކޮށްފައިވާ މުޒާހަރާގެ އަޑުގަދަކުރާތައް އެއްގަހުން ފެޅި ދެ ޕާޓީ ކަމަށްވާ ޑީއާރުޕީ އާއި ޕީޕީއެމްގެ ޖަގަހައިގައި ބަހައްޓާފައި ހުއްޓެވެ.
ސިފައިން ހައްޔަރުކޮށް ނިޒާމުން ގެއްލުވާލާފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު މިނިވަން ކުރުމަށާއި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ތަކުރާރުކޮށް ގޮވާލަމުން ދިޔައިރު މުޒާހަރާކުރާ މީހުންނަށް ހިއްވަރު ދެއްވުމަށް އިދިކޮޅު ލީޑަރުން ގެންދެވީ ތަގުރީރުތައް ވެސް ކުރައްވަމުންނެވެ.
އިދިކޮޅު އިއްތިހާދުގެ ސިޔާސީ ކޮންމެ އިސް ބޭފުޅަކު ވާހަކަފުޅު ދައްކަވަން ފަށްޓަވާއިރަށް ސްޓޭޖްގެ ދެކުނު ފަރާތުގައި ތިބި އެމްޑީޕީ މީހުން ދިޔައީ އަޑުގަދަކުރާ ބޭނުންކޮށްގެން އެބޭފުޅުންނަށް ފުރައްސާރަކުރަމުންނެވެ. މިހާތަނަށް ކޯޓެއްގައި ސާބިތުކުރެވިފައި ނުވާ އެތައް ތުހުމަތުތަކެއް ކުރަމުން ދިޔައިރު އަޑުއަހަން އުނދަގޫ އަވަގުރާނަ ވެސް ދިޔައީ ގޮވަމުންނެވެ.
އިދިކޮޅު މީހުން މިރޭ ރަނގަޅު އިންތިޒާމަކާއި ވަރަށް ހަމަޖެހިގެން ސްޓޭޖްގެ ވާތްފަރާތުގައި ޑައިންމޯއާ ވީ ފަޅީގައި ތިބެ އަޑު އުފުލަމުން ދިޔަ އިރު އަނެއް ފަރާތުގައި ތިބި ގިނަ މީހުން ގިނަ ވަގުތުތަކެއްގައި ނަށަމުން ވެސް ދިޔަތަން ފެނުނެވެ. އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އިބުރާހިމް ރަޝީދު ( ބޮންޑާ ) ނޫނީ ޕާޓީގެ އިސް ފަރާތެއް ނުފެނެ އެވެ.
ބޭރުގެ ޓީވީ ޗެނަލަކުން މުޒާހަރާ ކަވަކުރަމުން ދިއުމާ އެކު އިދިކޮޅުގައި އިސްކޮށް ތިއްބެވި ބޭފުޅުން އިނގިރޭސި ބަހުން ވެސް ވާހަކަ ދެއްކެވި އެވެ. ބޭރުގެ ޓީވީ ޗެނަލުން އެމްޑީޕީ މީހުންނާ ސުވާލުކޮށްލުމުން ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ހައްޔަރުކުރަން ޖެހޭ ކަމަށް ބުނި އިރު އެމަނިކުފާނުގެ ނަންފުޅުގެ ކުރިއަށް އަވަގުރާނައެއް އިތުރުކުރި ކަމަށް އަޑުއެހި މީހަކު ބުންޏެވެ.
އެމްޑީޕީ މީހުން ފުރަތަމަ ގެނައީ މެގަފޯނަކަށް ވާތީ އިދިކޮޅުން ހަރުކޮށްފައިވާ ތާޅަފިލިތަކުގެ އަޑުގެ ތެރެއިން އެއަޑުތައް ފޭދޭ ގޮތެއް ނުވެ ގިނަ އިރުތަކެއް ހޭދަވި އެވެ. ނަމަވެސް ފަހުން އެމީހުން ހަރުގޭގައި ބޭނުންކުރަމުން ދިޔަ ތާޅަފިލިތައް ގެނައުމުން ދެފަރާތުގެ އަޑު ދާދި އެއްވަރުވެ، ދެބައިލަޝްކަރުގެ މެދުގައި ހުންނަ އިރު ކިޔާ ނުކިޔާ ވެސް ނޭނގޭ ވަރުވި އެވެ.
ދެފަހަރެއްގެ މަތިން އިދިކޮޅު މީހުންގެ ފަހަތުން ވަން ބަޔަކު ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ނަމަވެސް އިދިކޮޅު މީހުން އެހާ ބޮޑަށް ހަލަބޮލި ނުވީމާ، ހަމަނުޖެހުން އުފައްދަން އުޅުމީހުން ހައްޔަރުކުރަން ފުލުހުންނަށް ފަސޭހަވި އެވެ.
ގަޑިން މެންދަމު 12 ޖެހުމާ ހަމައަށް ވެސް ފުލުހުން މިރޭ ދެމުން ދިޔަ ހަމަ އެކަނި އިރުޝާދަކީ މަގުމަތީގައި ނުތިބުމަށް ދިން އިރުޝާދެވެ. ނަމަވެސް ޑީއާރުޕީ އޮފީހުގެ ތެރޭގައި މުޒާހަރާ ލައިވްކުރުމަށް އަމިއްލަ ދެ ޓީވީ ޗެނަލް ، ވީ ޓީވީ އާއި ދި ޓީވީން ބަހައްޓާފައި ހުރި ސިސްޓަމް ނެގުމަށް އެއޮފީހަށް ވަނުމަށް ދެ ފަހަރެއްގެ މަތިން ފުލުހުން މަސައްކަތް ކުރި އެވެ. ނަމަވެސް އޮ އޮފީހަށް ވަންނަން ވާނީ ކޯޓް އަމުރެއް ހޯދައިގެން ކަމަށް އެ އޮފީހުގައި ތިއްބެވި އޮފިޝަލުން ވިދާޅުވި އެވެ. އަދި ފުލުހުން އެކަމެއް ނުކުރެ އެވެ.
އަމިއްލަ ޗެނަލްތަކުން މުޒާހަރާ ލައިވްކުރުން ނުހުއްޓުވި ނަމަވެސް ކޮންމެސް މީހަކު ދިޓީވީގެ ކޭބަލްވެސް ކަނޑާލި އެވެ.
ބާރައިގެ ފަސްވުމާ އެކު ސަރަހައްދު ދޫކޮށް ދިއުމަށް ދެ ފަރާތަށް ވެސް ފުލުހުން އިންޒާރުކުރި އެވެ. ފުލުހުންގެ އިންޒާރަށް މުޒާހަރާ އާއި މުޒާހަރާއާ ދެކޮޅަށް މުޒާހަރާ ކުރި މީހުން ވެސް އިޖާބަ ދިނުމަށް ގިނަ ވަގުތެއް ނުދީ ފުލުހުން ކަރުނަގޭސް ޖެހި އެވެ. ކަރުނަގޭސް ޖެހުމުން އިދިކޮޅު މީހުން އެހާ ބާރަށް ދުއްވައި ނުގަތް ކަމުގައި ވިޔަސް އެމްޑީޕީ ފަޅީގައި ތިބި މީހުން ދާދި އަވަހަށް އެތަން ދޫކޮށް ދިޔަ އެވެ.
ކަރުނަގޭސް ކެނިސްޓާ އަނބުރާ އައިކޮޅަށް ފޮނުވާލަން އެމްޑީޕީމީހުންގެ ތެރެއިން މީހަކު މަސައްކަތް ކުރި ނަމަވެސް އެކަން ނުވެ އޭނާ ދިޔަ އެވެ. ނަމަވެސް އިދިކޮޅު މީހުން ބައެއް ކެނިސްޓާ މޫދަށް އެއްލާވެސް ލިއެވެ.
ކަރުނަގޭހުގެ ތެރެއިން މަޑުމަޑުން މީހުން ނުކުންނަމުން ދަނިކޮށް މުޒާހަރާ މިރެއަށް ނިންމާލިކަން އިއުލާންކޮށް ބައިވެރިން ގެއަށް ދިއުމަށް ވެސް އެންގި އެވެ.
ފުލުހުން މިރޭ ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނި އިރު ، ފުލުހުން ވެސް ބުނީ ފުލުހުންނަށް އެއްބާރުލުން ދިނީތީ މުޒާހަރާގެ ބައިވެރިންނަށް ޝުކުރުއަދާކުރާ ކަމަށެވެ.