28 Mar 2021, 10:13
ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ހިޔާ މަޝްރޫއަށް ކުރިމަތިލީ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ވަނީ އެންމެ ފުރިހަމައަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީން ބުނެފި އެވެ.
އެ ކޮމިޓީން ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދީފައިވާ ގޮތް ދިރާސާކޮށްފަ އެވެ.
މައްސަލަ ދިރާސާކުރިއިރު އެ ކޮމިޓީއަށް ލިބިފައިވާ މައިގަނޑު ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ފްލެޓް ކޮމިޓީން ފްލެޓަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު އެންމެ ރަނގަޅަށް ވަޒަންކޮށްފައި ނުވާކަމުގެ ޝަކުވާއާއި، ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށް ފަރާތްތަކަށް ދަށުން ޕޮއިންޓް ލިބިފައިވާކަމުގެ ޝަކުވާއާއި، ދިރިއުޅުމުގެ ފެންވަރު ނިސްބަތުން ރަނގަޅު ފަރާތްތަކަށް މަތިން ޕޮއިންޓް ލިބިފައިވާކަމުގެ ޝަކުވާއާއި، ފްލެޓް ކޮމިޓީން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާނުކުރިއިރު އެކި ކެޓެގަރީތަކުން ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޝަރުތުހަމަނުވާ ފަރާތްތަކަކަށް ފްލެޓް ލިބިފައިވާކަމުގެ ޝަކުވާއާއި، ކަނޑައަޅާފައިވާ ޝަރުތުތައް އެންމެ އިންސާފުވެރި ނޫންކަމުގެ ޝަކުވާ، އަދި ޕޮއިންޓް ދީފައިވާ އުސޫލު އެންމެ އިންސާފުވެރި ނޫންކަމުގެ ޝަކުވާ އެވެ.
މައްސަލަ ބެލުމަށްފަހު އެކުލަވާލި ރިޕޯޓު މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ އެކި ފަރާތްތަކުން އެ ކޮމިޓީއަށާއި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާ ޝަކުވާތަކާއި މައްސަލަތަކަށް ރިއާޔަތްކުރާއިރު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ފްލެޓަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް މުރާޖައާކުރިއިރު ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައިވަނީ އެންމެ ފުރިހަމައަށް ނޫންކަމަށް ކޮމިޓީއަށް ފާހަގަވާ ކަމަށެވެ.
އެހެންކަމުން ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ފުރިހަމައަށް ވަޒަންކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.
ހިޔާ މަޝްރޫއަށް ކުރިމަތިލި ފަރާތްތަކުގެ ފޯމުތައް މުރާޖައާކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ހުރިހާ ޝަކުވާތައް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބަލައި އެފަރާތްތަކަށް ޖަވާބުދީފައިވާކަމަށް އެ ކޮމިޓީން ފާހަގަކުރި ނަމަވެސް، ތަރިކައި ކޮމިޓީއަށާއި ސަރުކާރުގެ އިދާރާތަކަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކާއި މައްސަލަތަކަށް ރިއާޔަތްކުރާއިރު، ޝަކުވާ ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކަކަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އެންމެ ފުރިހަމައަށް ޖަވާބުދީފައިވާކަން ކަށަވަރުނުވާ ކަމަށާއި އެހެންކަމުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އެފަދަ ހުރިހާ ޝަކުވާތަކެއް ބަލައި، އެފަރާތްތަކަށް ފުރިހަމައަށް ޖަވާބު ދިނުމަށް ވެސް ވަނީ އަންގައިފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް އަލުން މުރާޖައާކުރިއިރު، ޝަރުތު ފުރިހަމަނުވާ ފަރާތްތަކެއް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމަށާއި، އަދި ޝަރުތު ފުރިހަމަވާ ފަރާތްތައް، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމަނާފައިނުވާކަމަށް ފާހަގަކޮށް ވެސް ގިނަ ޝަކުވާތަކެއް ވަނީ ހުށަހަޅައިފަ އެވެ.
އެފަދަ ޝަކުވާތައް ފްލެޓު ކޮމިޓީން ރަނގަޅަށް ދިރާސާކޮށް، އެއީ ފްލެޓް ލިބުން ހައްގު ފަރާތްތަކެއްތޯ ކަށަވަރުކުރުމަށް ތަރިކަ ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.
ތަރިކަ ކޮމިޓީން ބުނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ދިރިއުޅޭ ތަނުގެ ހާލަތު ބެލުމަށް ދެ މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެ ފަރާތްތަކުގެ ގޭގެއަށް ޒިޔާރާތްކޮށްފައިވާކަމަށާއި، ޒިޔާރަތްކުރުމުގައި ޕޮއިންޓް ދީފައިވާ ފޯމުގައި މައުލޫމާތު ދޭ މީހާގެ ނަމާއި، ކޮމިޓީގެ ފަރާތުން ޒިޔާރަތްކުރި ފަރާތުގެ މައުލޫމާތު ހިމަނާފައިވާކަމަށާއި، ފޯމުގައި ހިމަނާފައިވާ މައުލޫމާތަީ ސައްހަ މައުލޫމާތެއްކަން ކަށަވަރުކޮށް، އެފަރާތުން އެ ފޯމުގައި ސޮއިކޮށްފައިވާކަމަށް ފްލެޓް ކޮމިޓީން ބުނެފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކާއި މައްސަލަތަކަށް ރިއާޔަތްކުރާއިރު އެކަން އެގޮތަށް ކޮށްފައިވާކަން ތަރިކަ ކޮމިޓީއަށް ކަށަވަރުވެފައި ނުވާކަމަށް ރިޕޯޓުގައިވެ އެވެ.
ހިޔާ ފްލެޓުތަކުގެ އެކި ކެޓަގަރީތަކުގެ ދާއިމީ ލިސްޓުތަކުގައި ޝަރުތު ހަމަވެ ފްލެޓް ނުލިބޭ ޖުމްލަ 14،107 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން 50 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންގެ އަދަދަކީ 6142 އެވެ.
ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓް ކޮމިޓީގެ ރައީސް، ތޯހާ މުހައްމަދު ވިދާޅުވީ ވަރަށް ހާލުގައި ދިރިއުޅޭ މީހުންނަށް ފްލެޓް ނުލިބިހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް ފްލެޓު ކޮމިޓީއާ ހަވާލުކޮށްފައި އޮތީ، ފްލެޓުތަކަށް ޕޮއިންޓް ދީފައި ވަނީ 2018 ގައި އިއުލާނު ކުރި ޝަރުތުތަކާ އެއްގޮތަށްތޯ ކަށަވަރު ކުރުން ކަމަށާއި ފްލެޓް ކޮމިޓީން ދާއިމީ ލިސްޓް އެކުލަވާލީ އެންމެންގެ މެދުގައި އެއް ހަމަ އުސޫލަކުން، އެއް މިންގަނޑަކުން ދިރިއުޅުމުގެ ހާލަތު ބަލައި ކަށަވަރުކުރުމަށްފަހުގައި ކަމަށެވެ.