މި އަހަރުގެ އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނުތައް އަންނަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަނުން ބުނީ އެ އިމްތިހާނުތަކުގެ ތާވަލަށް ބަދަލުގެނައީ އެ އިމްތިހާނު ފޯރުކޮށްދޭ އެޑެކްސެލް އިން ކަމަށެވެ.

އަދި އެ ބަދަލު ގެނެސްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ އެ ތާރީހު ބަދަލުކުރެވޭތޯ އެޑެކްސެލްއާ އެކު މަޝްވަރާކުރި ކަމަށާއި، އެހެން ަމަވެސް ކުރެވުނު މަޝްވަރާތަކުން އަލިމަގެއް ފެނިފައިނުވާ ކަމަށެވެ.

އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނުގެ ތާވަލަށް ގެނެވުނު ބަދަލާއެކު، އެޗްއެސްސީ އިމްތިހާން ދެން ބާއްވާނީ އޭލެވެލް އަދި އޭ އެސް ލެވެލް އިމްތިހާނު ނިމޭތާ އެއް މަސް ފަހުން، 13 ޖޫން އިން 17 ޖޫންގެ ނިޔަލަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން މިދިޔަ 2020 ވަނަ އަހަރުގެ މެއި/ޖޫން އޭލެވެލް އިމްތިހާނު ބާއްވައިފައެއް ނުވެއެވެ. އެ އިމްތިހާނު ކުރިއަށް ގެންދިޔައީ އޮކްޓޯބަރު/ނޮވެމްބަރުގަ އެވެ.