27 Mar 2021, 22:18
މިއަދު ކޮވިޑަށް 166 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. އަތޮޅު ތެރެއިން ޕޮޒިޓިވްވެފައި ވަނީ 52 މީހެކެވެ.
މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވީ އަދަދާ އަޅާ ބަލާއިރު، 20 ކޭސްގެ އިތުރުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ، 146 އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާ ގޮތުން، ވޭތުވެދިޔަ 24 ގަޑިއިރު ނެގި 4،283 ސާމްޕަލްގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވެފައި ވަނީ މާލެ ސިޓީންނެވެ. އެގޮތުން މާލެ ސިޓީން 91 މީހަކު ޕޮޒިޓިވްވި އިރު، ރިސޯޓުތަކުން 11 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ސިނާއީ ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.
އަތޮޅު ތެރެއިން ޕޮޒިޓިވްވި 52 މީހުންގެ ތެރޭގައި މިވަގުތު އަރާ ފޭބުން މަނާކޮށްފައިވާ ކ. ހުރާ އިން ޕޮޒިޓިވްވި 18 މީހަކު ހިމެނެވެ. އޭގެ އިތުރުން ގދ. ތިނަދޫއިން ޕޮޒިޓިވްވި ފަސް މީހަކު ހިމެނެވެ. ތިނަދޫ ވެސް މިހާރު އޮތީ މޮނީޓަރިން ހާލަތުގައެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 23،403 އަށް އަރާފަ އެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 89 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ، 20،618 އެވެ.
މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،712 އެވެ. އޭގެ ތެރެއިން 98 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 66 އެވެ.
މިއަދު ރާއްޖޭގައި 2،400 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހާފައެވެ. އެއާއެކު މިހާތަނަށް 230،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.