05 Feb 2012, 23:57
އިދިކޮޅު ފަރާތްތަކުން ކުރާ ސިލްސިލާ މުޒާހަރާ ލައިވް ކުރުމަށް ޑީއާރުޕީގެ އޮފީސް ސަރަހައްދުގައިވާ ލައިވް ކޭބަލް ނެގުމަށް ދިޓީވީ އަށް ފުލުހުން އިންޒާރުދީފައި ވަނިކޮށް ވީ ޓީވީ އާއި ދި ޓީވީގެ ކޭބަލް ބަޔަކު ބުރިކޮށްލައިފި އެވެ.
އެ ދެ ސްޓޭޝަންގެ ކޭބަލް ބުރިކޮށްލައިފައި ވަނީ، ލައިވް ކޭބަލް ނެގުމަށް ފުލުހުން ލައުޑް ސްޕީކަރުން އަންގާފައިވައިވަނިކޮށެވެ.
ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު ދެންމެ ވިދާޅުވީ ވީ ޓީވީ އާއި ދި ޓީވީގެ ކޭބަލް ބުރިކޮށްލީ ފުލުހުން ކަމަށެވެ. ނަމަވެސް ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު ހަސަން ހަނީފު މިރޭ ވިދާޅުވީ ފުލުހުން އެ ދެ ސްޓޭޝަންގެ ކޭބަލް ބުރިކޮށްނުލާ ކަމަށާއި ނަމަވެސް މަގު ހުރަސްކޮށް އަޅާފައި އޮތް ދި ޓީވީ އާއި ވީ ޓީވީގެ ކޭބަލް ނެގުމަށް އެ ތަންތަނުގެ ވެރިންނަށް އެންގެވި ކަމަށެވެ.
ދި ޓީވީގެ އޮފިޝަލަކު ކުރިން ވިދާޅުވީ މަގު އެއްއަރިމަތިން އަޅާފައިވާ ލައިވް ކޭބަލް ނެގުމަށް އެ ސަރަހައްދުގައި ތިބި އެ ސްޓޭޝަންގެ ކުދިންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެކަން އަދި އަންގާފައި ނުވާކަމަށެވެ.
"އަޅުގަނޑުމެންގެ ކުދިންނަށް މި އެންގީ. އެހެން ސްޓޭޝަންތަކުން ވެސް އެތަނުގައި އެބަ ތިބި. ނަމަވެސް އެކަން އެހެން ސްޓޭޝަންތަކަށް އެންގިކަން ނުވަތަ ނޫން ކަމެއް ވެސް ނޭނގޭ. އަޅުގަނޑުމެން މިތިބީ ދެން އެބޭފުޅުން (ފުލުހުން) ނަގަން ދެން،" އޮފިޝަލް ކުރިން ވިދާޅުވި އެވެ.
ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މި ރޭ ވިދާޅުވީ ޓީވީތަކުން ލައިވް ކަވަރޭޖުދިނުމަށް ކަރަންޓް ގުޅާފައި ހުރީ ޑީއާރުޕީ އޮފީހުން ކަމަށާއި ކޭބަލްތައް ނެގުމަށް ފުލުހުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކޯޓު އަމުރެއް ގެންނަނިކޮށް ވަނުމުގެ ހުއްދަދޭނެ ކަމަށް ބުނުމުން ފުލުހުން ދިޔަ ކަމަށެވެ.
އެ ދެ ސްޓޭޝަނުގެ ކޭބަލް ބުރިކޮށްލިއަސް، އެ ދެ ސްޓޭޝަނު އަންނަނީ މުޒާހަރާ ލައިވްކުރަމުންނެވެ.
އެކަމުގައި ފުލުހުންގެ ކޮމެންޓެއް އަދި ލިބޭގޮތެއް ނުވެ އެވެ.
ލައިވް ކޭބަލް ނަގަން ފުލުހުން އަންގާފައި މިވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިންތަކެއް ކަނޑައަޅައިދިނުމަށް ފުލުހުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެދިވަޑައިގެން ދައްކަވާފައިވާ ވާހަކަފުޅުތަކެއްގެ އޯޑިއޯއެއް މިއަދު ލީކްވެފައިވަނިކޮށެވެ.