އުތުރުގެ ރަށެށްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ މައްސަލަ ޖެންޑާ އަދި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަން އެ ދެ މުއައްސަސާއިންވެސް "ސަން"އަށް ކަށަވަރުކޮށްދެ އެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވެނީ، އެ އާއިލާގެ ޒިންމާދާރު މަގާމެއްގައި ހުރި މީހަކަށެވެ.

އެ މައްސަލައިގެ ހަގީގަތް އެނގޭ ބައެއް މީހުން "ސަން"އަށް ބުނި ގޮތުގައި، އެކަން ހިނގާތާ ދުވަސްކޮޅެއްވެއްޖެ އެވެ. އަދި އެކަމުގައި ތުހުމަތު ކުރެވެނީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ އެ އާއިލާއަށް ނިސްބަތްވާ މީހަކަށް ކަމަށް ބުންޏެވެ.

އެ މައްސަަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ، އުތުރުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ.

"އެ ކުއްޖާ މިހާރު ހުރީ ރައްކާތެރި މާހައުލެއްގައި ކަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްފައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، އެ މައްސަލަ މިހާރު އެ މުއައްސަސާއިން ތަހުގީގުކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކަމާ ބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެ އެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންތިވިއިރު، ދާދި ފަހުން އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގެސްޓްހައުސްކަށް ގެންގޮސް ބިރުދައްކައި، ރޭޕް ކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، އެކަމާ ގުޅޭގޮތުން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.