އިދިކޮޅު ފަރާތްތަކުން ކުރާ ސިލްސިލާ މުޒާހަރާ ލައިވް ކުރުމަށް ޑީއާރުޕީގެ އޮފީސް ސަރަހައްދުގައިވާ ލައިވް ކޭބަލް ނެގުމަށް ދިޓީވީ އަށް އަންގައިފި ކަމަށް އެ ސްޓޭޝަނުން ބުނެފި އެވެ.

އެ ސަރަހައްދުގައި ހުރި ސަންގެ ރިޕޯޓަރު ވެސް ބުނީ ލައިވް ކޭބަލް ނެގުމަށް ފުލުހުން ލައުޑް ސްޕީކަރުން އަންގާފައިވާ ކަމަށެވެ.

ދިޓީވީގެ އޮފިޝަލަކު ވިދާޅުވީ މަގު އެއްއަރިމަތިން އަޅާފައިވާ ލައިވް ކޭބަލް ނެގުމަށް އެ ސަރަހައްދުގައި ތިބި އެ ސްޓޭޝަންގެ ކުދިންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެކަން އަދި އަންގާފައި ނުވާކަމަށެވެ.
"އަޅުގަނޑުމެންގެ ކުދިންނަށް މި އެންގީ. އެހެން ސްޓޭޝަންތަކުން ވެސް އެތަނުގައި އެބަ ތިބި. ނަމަވެސް އެކަން އެހެން ސްޓޭޝަންތަކަށް އެންގިކަން ނުވަތަ ނޫން ކަމެއް ވެސް ނޭނގޭ. އަޅުގަނޑުމެން މިތިބީ ދެން އެބޭފުޅުން (ފުލުހުން) ނަގަން ދެން،" އޮފިޝަލް ވިދާޅުވި އެވެ.

ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މި ރޭ ވިދާޅުވީ ޓީވީތަކުން ލައިވް ކަވަރޭޖުދިނުމަށް ކަރަންޓް ގުޅާފައި ހުރީ ޑީއާރުޕީ އޮފީހުން ކަމަށާއި ކޭބަލްތައް ނެގުމަށް ފުލުހުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކޯޓު އަމުރެއް ގެންނަނިކޮށް ވަނުމުގެ ހުއްދަދޭނެ ކަމަށް ބުނުމުން ފުލުހުން ދިޔަ ކަމަށެވެ.

އެކަމުގައި ފުލުހުންގެ ކޮމެންޓެއް އަދި ލިބޭގޮތެއް ނުވެ އެވެ.

ލައިވް ކޭބަލް ނަގަން ފުލުހުން އަންގާފައި މިވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިންތަކެއް ކަނޑައަޅައިދިނުމަށް ފުލުހުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެދިވަޑައިގެން ދައްކަވާފައިވާ ވާހަކަފުޅުތަކެއްގެ އޯޑިއޯއެއް މިއަދު ލީކްވެފައިވަނިކޮށެވެ.

އެ އޯޑިއޯގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޚިޔާލު ފާޅުކުރުމުގެ އިންތަކެއް ފުލުހުން ކަނޑައަޅައި ބަޔާން ނެރުމުން އެ މަގުން ދިއުމަށް ސަރުކާރަށް ފަސޭހަވާނެ ކަމަށެވެ.

"އަޅުގަނޑަށް މީގައި ފެންނަނީ، ތިޔަ ބޭފުޅުންގެ ރިސޯސަސްއާ އެކީގައި ތި ބޭފުޅުން ވިދާޅުވޭ މިހާރު މި ރާއްޖޭގައި ކަންކަން ހައްދުން ނައްޓައިފިޔޭ. އެހެންވީމާ ތިމަންނާމެން ގަސްތުކޮށްފީމޭ މިހެން ހަދަން. ތިމަންނާމެން ދެން ހަދާނީ މިހެންނޭ. މިއޮތީއޭ ހިޔާލުފާޅުކުރުމުގެ އިންތަކަކީ. މި މި އެއްޗިއްސެއް ނުކިޔޭނެއޭ. މިހެން އެކަކު އަނެކަކާ ދިމާލަކަށް ނުގޮވޭނެއޭ. އަދި މަގުމަތިން ފުލުހުން ދަނިކޮށް ފުރައްސާރަކުރަންޏާ ގެންނާނަމޭ. ފުލުހުންނާ ބެހެންޏާ ގެންނާނަމޭ، ގެނެސް ހިފައި ހައްޔަރު ވެސް ކުރާނަމޭ،" އެ އޯޑިއޯގައި ރައީސް ވިދާޅުވެފައިވެ އެވެ.
އަދި ރައީސް ވިދާޅުވެފައިވެ އެވެ.

"ތި ބޭފުޅުންނަށް ކުރާ ގަދަރާއި އިހްތިރާމް ވެސް އޮންނަންޖެހޭނެ. ތިބޭފުޅުން ދެއްވާ، މިއޮތީއޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިންތަކަކީ. އަޅުގަނޑަށް ޔަގީން ތިބޭފުޅުންގެ ހުންނާނެކަން އެކިއެކި ކޮމިޓީތަކާއި ޖަލްސާތަކާ އެކިއެކި ގްރޫޕްތައް. އޭގެ ތެރެއިން އަޅުގަނޑަށް ތި ބޭފުޅުން ވިދާޅުވާންވީ، މިއޮތިއްޔޭ ހިޔާލު ފާޅުކުރުމުގެ ގޮތުގައި ދެއްކޭނެ ވާހަކަތަކަކީ،" ރައީސް ވިދާޅުވެފައިވެ އެވެ.