28 Mar 2021, 09:15
ގާހިރާ (މާޗް 27): މިިދިޔަ ހަފްތާގައި މޫސުން ގޯސްވި ދަނޑިވަޅެއްގައި ސުއޭޒް ކެނަލްގެ ތިލަ ތަނަކަށް އަރައި ބީހުމުގެ ސަބަބުން އެ ކެނަލްގައި ތާށިވެފައިވާ ބިޔަ އާގުބޯޓު ފުންކުރުމަށް އެތައް ހަފްތާއެއް ހޭދަ ވެދާނެކަމަށް ސުވޭޒް ކެނަލް ހިންގުމަށް މިސްރުން އުފައްދާފައިވާ ސުވޭޒް ކެނަލް އޮތޯރިޓީން ބުނެފިއެވެ.
އެއޮތޯރިޓީން ބުނީ ސުއޭޒް ކެނަލްގައި ތާށިވެފައިވާ ބިޔަ ކޮންޓޭނަރު އާގުބޯޓުގެ ސަބަބުން އެކެނަލް އުތުރާއި ދެކުނުގައި 206 ބޯޓު ދަތުރުނުކުރެވި ތާށިވެފައި އެބަ އޮތް ކަމުގައެވެ. މިހާ ގިނަ ބޯޓުތަކެއް ސުއޭޒް ކެނަލްގައި ތާށިވެފައި ވުމުގެ ސަބަބުންނާ އަދި އިތުރު ބޯޓުތައް ސުއޭޒް ކެނަލް ހުރަސްކޮށް ދަތުރުނުކުރެވުމުގެ ސަބަބުން ކަނޑުމަގުންކުރާ ދުނިޔޭގެ ވިޔަފާރިއަށްވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
ކަނޑުމަގުންކުރާ ދުނިޔޭގެ ވިޔަފާރީގައި ބޭނުންކުރާ އާގު ބޯޓުތަކުގެ 18 ޕަސަންޓު ބޯޓުތައް ސުއޭޒް ކެނަލް ހުރަސްކުރަން ޖެހެއެވެ. މީގެތެރޭގައި މުދާ އުފުލާ ކޮންޓޭނަރު ބޯޓުތަކާއި ތެޔޮއުފުލާ ޓޭންކަރުތަކާއި އެނޫންވެސް ބޯޓުތައް ހިމެނެއެވެ. އުރިފައިވާ ބޯޓުގެ ސަބަބުން އެތައް ހަފްތާއަކަށް ސުއޭޒް ކެނަލް ބަންދުވާނެކަމަށް ބެލެވޭތީ ދުނިޔޭގެ ބާޒާރުތަކުގައި ތަކެތީގެ އަގުބޮޑުވެ އެތައް ގައުމަކަށް މުދަލާއި، ތެލުގެ ދަތިކަން ފޯރައި މުދަލާއި ތެލުގެ އަގު މައްޗަށް ދާނެކަމަށް ވަނީ ލަފާކުރެވިފައެވެ. މިހާރުވެސް ތެލުގެ އަގުވަނީ މައްޗަށް ދާން ފަށާފައެވެ.

ސުއޭޒް ކެނަލްގައި ތާށިވެފައިވާ ބިޔަ އާގުބޯޓުގެ ފަހަތުކޮޅު
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "އެވަރ ގިވެން" ނަމަކަށް ކިޔާ މި ބޯޓު އޮޕަރޭޓް ކުރަނީ ޓައިވާނުގެ ކުންފުންޏެއްކަމަށްވާ "އެވާގްރީން" އިންނެވެ. ދުނިޔޭގެ އެންމެ ބިޔަ އާގުބޯޓުތަކުގެ ލިސްޓުގައި ހިމެނޭ އެ އާގުބޯޓަކީ 220،000 ޓަނުގެ ބޯޓެކެވެ. އެބޯޓު ދަތުރުކުރީ ޓައިވާނުން ފުރައިގެން ނެދާލޭންޑްސްގެ ރޮޓަޑޭމް ބަނދަރަށެވެ.
ސުއޭޒް ކެނަލް އޮތޯރިޓީ ބުނާގޮތުން "އެވާ ގިވެން" ބޯޓު ފުންކުރުމަށް މިހާތަނަށް ކުރި ހުރިހާ މަސައްކަތެއްވަނީ ނާކާމިޔާބުވެފައެވެ. އެބޯޓު ފުންކުރުމަށްޓަކައި ދެން ކުރަންޖެހޭނީ އެއަށްވުރެ މާބޮޑެތި އަދި މާގިނަ މަސައްކަތްތަކެކެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ބޯޓުގައި ހުރި ކޮންޓޭނާތަކާއި، ތެލާއި ފެނުގެ ބޮޑުބައެއް ބާލައި ބޯޓު ވަރަށް ބޮޑަށް ލުއިކުރުމާއި، ޓަގުބޯޓުތައް ބޭނުންކޮށްގެން ބޯޓު ދެމުމާ އަދި ބޯޓު ބީހިފައިވާ ދިމާ ކޮންނަ ބޯޓެއް ބޭނުންކޮށްގެން ކޮނެ އެތަން ވަރަށްބޮޑަށް ފުންކުރުން ހިމެނޭކަމުގައެވެ.
މިކަންތައްތައް އެއަވަގުތަކު ކޮށްގެންނޫނީ ބޯޓު ފުންނުކުރެވޭނެ ކަމަށާ މިކަންކަމަށް އެތައް ހަފްތާއެއް ހޭދަވާނެކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ބުނެއެވެ. ސުއޭޒް ކެނަލްގައި މީގެކުރިންވެސް ބައެއް އާގުބޯޓުތައް ބީހެއެވެ. ނަމަވެސް މިއީ ދުނިޔޭގެ އެންމެ ބިޔަ އާގުބޯޓުތަކުގެ ތެރޭގައި ހިމެނޭ 2 ލައްކަ 20 ހާސްޓަނުގެ އާގުބޯޓެއް ސުއޭޒް ކެނަލްގައި ބީހި އެކަމުގެ ސަބަބުން އެ ކެނަލް ގިނަ ދުވަސްތަކަކަށް ބަންދުވި ފުރަތަމަ ފަހަރެވެ.
ގަދަވަޔާއި ވެލީގެ ތޫފާނެއް ސުއޭޒް ކެނަލް ސަރަހައްދަށް އައި ދަނޑިވަޅެއްގައި "އެވާ ގިވެން" ބޯޓު އެ ކެނަލްއަށް އުރި ތާށިވީ ގަދަވައިގެ ސަބަބުން އެބޯޓުގެ ހުންގާނުގެ ކޮންޓްރޯލް ގެއްލި ގަދަވައިގާ ބޯޓު ގެ ކުރީކޮޅު ސުއޭޒްކެނަލްގެ އެއްފަރާތުގައިވާ ވެލިގަނޑަށް އެރުމުންނެވެ. ސުއޭޒް ކެނަލްގައި 400 މީޓަރުގެ ދިގުމިން ހުންނަ "އެވާ ގިވެން" ބޯޓަކީ ސުއޭޒް ކެނަލްގައި އެބޯޓު އުރުނު ސަރަހައްދުގައި ހުންނަ އެކެނަލްގެ ފުޅާމިނަށްވުރެ މާ ބޮޑަށްވެސް ދިގު ބޯޓެކެވެ. ސުއޭޒް ކެނަލް ތިން ހަފްތާއަށް ބަންދުވި ނަމަވެސް ދުނިޔޭގެ ވިޔަފާރިއަށް 5 ބިލިޔަން ޑޮލަރާއި 10 ބިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ގެއްލުން ލިބޭނެެކަމަށް ކަމާބެހޭ އަންދާޒާތައް ބުނެއެވެ.
(ނޫސްއެޖެންސީތައް)