ރާއްޖޭގައި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމާ ގުޅޭ މަޝްވަރާ ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތުކޮށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހުގެ 23 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ފިޝަރީޒް މިނިސްޓްރީ އިން ދެއްކި ވާހަކަތަކާމެދު ކަންބޮޑުވާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާކޮށްފައި އޮންނަތާ 11 އަހަރު ވެފައިވާއިރު އެކަން އުވާލާ، މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެމުންދާ ކަމަށާއި މިޔަރަކީ އިގްތިސޯދީ ގޮތުން ފައިދާ ހޯދޭނެ ވަސީލަތެއް ކަމަށާއި އޭގެ ބޭނުން "ނުކުރަންވީ ސަބަބެއް ނެތް" ކަމަށް މިނިސްޓަރީއިން ބުނެފައިވާތީ ކަންބޮޑުވާ ކަމަށެވެ.

މިޔަރަކީ ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ނިޒާމުގެ ސިއްހަތު ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ދިރުމެއް ކަމަށާއި ރާއްޖެއަކީ މިޔަރު ހިމާޔަތްކޮށް މިޔަރުގެ އާބާދީގެ ރައްކާތެރިކަމަށް ދުނިޔޭގައި އުންމީދީ މާހައުލެއް ގާއިމްކޮށްފައިވާ ގައުމަކަށް ރާއްޖެ ވާއިރު ރާއްޖެއިން ކްލައިމެޓް އިމަޖެންސީ އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމަކީ މި ކަންކަމާ މުޅިން ފުށުއަރާ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މިޔަރުގެ މަސްވެރިކަމާ ވިޔަފާރިކުރުން ރާއްޖޭގައި މަނާކޮށްފައި އޮތްއޮތުން ދެމެހެއްޓުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

އެ މައްސަލާގައި ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައި ވަނީ މިޔަރު ހިމާޔަތްކުރުމާބެހޭ ގާނޫނާއި ގަވައިދުތައް ތަންފީޒުކޮށް ނެގެހެއްޓުމަށާއި، އެކަމާ ހިލާފުވާ ފަރާތްތައް ޖަވާބުދާރީކޮށް ފިޔަވަޅުއެޅުމަށާއި، އެ ފަދަ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް ދެފުށްފެންނަ ގޮތަށް ހިންގާ ބެލުމަށެވެ.

އެގޮތުން ބެލުމަށް އެދިފައިވާ މައްސަލަތައް:

  • ގަވާއިދާއި ހިލާފަށް ބޭރުކުރަން މަސައްކަތްކުރި 429 ކިލޯގެ މިޔަރު އުރަހަ މޯލްޑިވްސް ކަސްޓަމްސް އިން ތިނެއް ޖެނުއަރީ 2021 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން ހިފެހެއްޓާފައިވާ މައްސަލަ

  • މިޔަރުގެ މަސްވެރިކަން ކުރަމުންދިޔަ މަސް ދޯންޏެއް ފުލުހުން ހިފަހައްޓައި 23 މާރޗް 2021 ގައި ގިނަ އަދަދެއްގެ މިޔަރާއި މިޔަރު އުރަހަ އަތުލައިގެންފައިވާ މައްސަލަ
  • "ފިޝް ހެޑް" ގެ ނަމުން މަޝްހޫރު ޑައިވް ސައިޓުން 24 މާރޗް 2021 ވަނަ ދުވަހު މިޔަރުތަކެއް ރާއްޖޭގައި ބޭނުންކުރުން މަނާ މަސްވެރިކަމުގެ އާލާތެއްގައި ޖެހިފައިވަނިކޮށް ފަތުރުވެރިޔަކަށް ފެނި ރިޕޯޓްކޮށްފައިވާ މައްސަލަ

ބަޔާނުގައި ބުނީ ކަނޑުގެ ދިރުންތަކަކީ ދިވެހިންގެ އާންމު ދިރިއުޅުމުގެ ސަލާމަތާއި ރައްކާތެރިކަމާގުޅިފައިވާ ގުދުރަތީ ވަސީލަތަކަށްވާއިރު، އަދި ރާއްޖެއަކީ 99 އިންސައްތަ ކަނޑުގެ ސަރަހައްދެއް ހިމެނޭ ގައުމަކަށް ވާއިރު، ރާއްޖޭގެ ގުދުރަތީ ނިޒާމު މިވަގުތު އޮތް ނާޒުކު ހާލަތަށް ރިއާޔަތްކޮށް ކަމާބެހޭ ފަރާތްތަކުން މިކަމަށް އަހައްމިއްޔަތުކަން ދިނުމަށް ބާރުއަޅާ ކަމަށެވެ.

މިވަގުތަކީ ގިނަ ކާރިސާތަކެއްގެ ގޮންޖެހުން ތަކަކާއި ކުރިމަތިވެފައިވާ ވަގުތެެއް ކަން ފާހަގަކޮށް ބުނީ ކޮވިޑް 19ގެ ކާރިސާ އާއި އެކަމާ ގުޅިފައިވާ އިގްތިސާދީ ކާރިސާ އާއި ކުރިމަތިވެފައި މި ދަނޑިވަޅުގައި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓަށް ދިމާވެފައިވާ ކާރިސާ ތަކުގެ ސަބަބުން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް ކުރިއަށް އޮތްތަނުގައި އިތުރުވާނެ ކަމަށެވެ. މިޔަރު ހިމާޔަތްކުރުމަކީ ދިވެހީންގެ ކުރިމަގާ ކުރިއެރުމުގެ ރައްކާތެރިކަމަށް ކޮންމެހެން ކުރަންޖެހޭ ކަމެއއް ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.