27 Mar 2021, 13:59
ދިވެހި ސިފައިންގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް އެމެރިކާ އަސްކަރިއްޔާ އިން އެހީތެރިވާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ހާމަކޮށްފި އެވެ.
އެމެރިކާ އަސްކަރިއްޔާ އިން މިގޮތަށް ހާމަކޮށްފައިވަނީ ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިން ޖެނެރަލް، މޭޖާ ޖެނެރަލް މެކް ޑެނިއެލް، މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އަރިހަށް މިމަހުގެ 25 ވަނަ ދުވަހު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި އެރުވި މެންޓޯގަ އެވެ.
މި މެންޓޯގައި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ދިވެހި އަސްކަރިއްޔާގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް ޖެނެރަލް ޑެނިއަލް ވަނީ ތައުރީފު ކުރައްވައިފަ އެވެ. އަދި އެމެރިކާގެ އަސްކަރިއްޔާ، ރާއްޖޭގެ އަސްކަރިއްޔާއާއެކުގައި ވާހަކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި އެމެރިކާގެ ޑިފެންސް ޑެޕިއުޓީ އަންޑާ ސެކެރެޓަރީ އޮފް ޑިފެންސް ރީޑް ވާނާ، އެމެރިކާގެ ފިލަޑެލްފިއާ ގައި 2019 ވަނަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވޯކް އެގްރީމެންޓާއި ގުޅިގެން އެމްއެންޑީއެފް އޭރިއާތަކަށާއި އެމްއެންޑީއެފުން ހިންގާ ހާއްސަ އޮޕަރޭޝަންތަކުގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ވާސީލަތްތަކާއި އާލާތްތަކުގެ އެހީތެރިކަން އެމެރިކާގެ އަސްކަރިއްޔާއިން އަންނަނީ ފޯރުކޮށްދެމުންނެވެ.
ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާއާ ދެމެދު އޮތް ގުޅުން ބަދަހި ވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެގޮތުން އެމެރިކާ ސެކިއުރިޓީ ފޯސެސް ބްރިގޭޑް "އެސްއެފްބީއޭ" ގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ މާފިލާފުށީގައި "ބްލެކް މާލިން" ނަމުގައި އެއް މަސްދުވަހުގެ ތަމްރީނުތަކެއް ކުރިއަށް އެބަ ދާކަމަށާއި މީގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާގެ މަތީ ފަންތީގެ ވަފުދުތައް ރާއްޖެ ޒިޔާރަތް ކުރައްވާފައިވާއިރު، 2019 ވަނަ އަހަރު ޖެނުއަރީ މަހު، އެމެރިކާގެ އެސިސްޓެންސް ސެކެރެޓަރީ އޮފް ޑިފެންސް ރެންޑަލް ޝްރައިވާ އަދި އެމެރިކާގެ އެކްޓިން އަންޑަ ސެކެރެޓަރީ އޮފް ޑިފެންސް ފޯރ ޕޮލިސީ އެންތަނީ ޓާޓާ މިއަހަރު ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތް ކުރައްވައި ދެ ގައުމުގެ މެދުގައި ޑިފެންސް އެންޑް ސެކިއުރިޓީ ޑައިލޮގް ނަމުގައި މަޝްވަރާތަކެއް ބާއްވާފައިވާކަން އެމްއެންޑީއެފް އިން ފާހަގަ ކުރެ އެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޔޫއެސް އާމީ ފެސިފިކްގެ ޑެޕިއުޓީ ކޮމާންޑާ މޭޖާ ޖެނެރަލް ޑެނިއަލް އެފް މެކްޑެނިއަލް ރާއްޖެ ވަޑައިގަންނަވާފައިވާއިރު އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ރުޑް ވެސް ވަނީ ރާއްޖެ ވަޑައިގަންނަވާފަ އެވެ.
އެމްއެންޑީއެފް އިން ބުނީ މެރިކާގެ އަސްކަރިއްޔާއިން އަސްކަރިއްޔާގައި ބޭނުންކުރާ އަސްކަރީ ބައެއް އާލާތްތަކާއި ވަސީލަތްތައް އެމްއެންޑީއެފަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ވެސް ކޮވިޑް-19 ގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައި ވާކަން އެމްއެންޑީއެފް އިން ފާހަގަކުރެެ އެވެ.