05 Feb 2012, 22:12
ތެހެރާން (ފެބްރުއަރީ 5) : އީރާނަށް ޙަމަލާދޭ ކޮންމެ ޤައުމަކަށާއި ޙަމަލާދިނުމުގައި ބިމާއި ވައިގެ ސަރަޙައްދު ބޭނުންކުރެވޭ ޤައުމުތަކަށްވެސް ފަނާކުރަނިވި ރައްދެއް ދޭނެކަމުގެ އިންޒާރު އީރާނުގެ ޢަސްކަރީ މަސްއޫލުވެރިއަކު ދެއްވައިފިއެވެ.
"ޙުމާތުލްވިލާޔާ" ގެނަމުން ނަންދެވިފައިވާ ޢަސްކަރީ އައު ތަމްރީން ތަކެއް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އީރާނުގެ އެއްގަމުގެ ބާރުތަކުގެ ކޮމާންޑަރ ލެފްޓިނެންޓް ޖެނެރަލް މުޙައްމަދު ބާކޫރު ވިދާޅުވީ އީރާނަށް ޙަމަލާދޭ ކޮންމެ ޤައުމަކަށާއި ޙަމަލާދިނުމުގައި ސަރަޙައްދު ބޭނުންކުރެވޭ ޤައުމުތަކަށްވެސް ފަނާކުރަނިވި ރައްދެއް އީރާނުން ދޭނެކަމަށާއި ނަމަވެސް އެއްވެސް ޤައުމަކަށް އީރާނުން އިސްވެ ޙަމަލާ ނުދޭނެ ކަމުގައެވެ.
އީރާނުން މިއިންޒާރު ދީފައިމިވަނީ މިއަހަރުގެ ޚަރީފު މޫސުމުގައި (އޯޓަމްގައި) އެޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދޭން އިސްރާއީލު ރާވާފައިވާ ކަމުގެ ޚަބަރުތަކެއް ފެތުރިފައިވަނިކޮށެވެ. މިޚަބަރުތަކާ ގުޅިގެން އެމެރިކާގެ ދިފާއީ ވަޒީރު ލިޔޮން ޕެނެޓާވަނީ ކައިރި މުސްތަޤްބަލެއްގައި އިސްރާއީލުން އީރާނަށް ޙަމަލާދީފާނެކަމުގެ ބިރު އެމެރިކާވެސް އިޙްސާސްކުރާ ކަމަށް ވިދާޅުވެފައެވެ. އެމެރިކާއަކީވެސް އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭން ޖެހިދާނެކަމުގެ އިންޒާރު ދެމުން ގެންދާ ޤައުމެކެވެ.
އިސްރާއީލުން އީރާނަށް ޙަމަލާދިނުމުގައި އުރުދުން، ސަޢޫދީ އަރަބިޔާ، އަދި ޢިރާޤު ފަދަ ޤައުމުތަކުގެ ވައިގެ ސަރަޙައްދު ޤަވާއިދާ ޚިލާފަށް ބޭނުންކޮށްފާނެ ކަމަށް ތަޖްރިބާކާރުން ދެކެވަޑައިގަންނަވައެވެ. އީރާނުންވަނީ އެޤައުމަށް ޙަމަލާދީފިނަ އިސްރާއީލުގެ ނިއުކްލިޔަރ މައިމަރުކަޒު ކަމަށްވާ ދީމޫނާ ނިއުކްލިޔަރ މަރުކަޒަށް ޙަމަލާދޭނެ ކަމުގެ އިންޒާރު އެތަށް ފަހަރެއްގެމަތިން ދީފައެވެ. -- އަލްޖަޒީރާ