27 Mar 2021, 11:46
ވެންޓިލޭޓަރު މައްސަލާގައި އިސްތިއުފާ ދީފާނެ ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ މިހެން ވިދާޅުވީ ވެންޓިލޭޓަރު ކޮރަޕްޝަން ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ފެއިލްވެއްޖެ ކަމަށާއި އޭނާ އެ މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޕީޖީ ވިދާޅުވީ ރައީސް ނަޝީދަކީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ، ރާއްޖޭގެ މަސްލަހަތު އިސްކޮށް ރައްކާތެރިކޮށްދެއްވާނެ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑަށް މެސެޖުވެސް ކުރެއްވި. އަޅުގަނޑު ގަބޫލުވެސް ކުރަން،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖު ޝަމީމަށްވެސް ފޮނުއްވި ކަމަށް ޕީޖީ ވިދާޅުވި އެވެ.
އެ މައްސަލާގައި އިތުރަށް ކޮމެންޓު ކުރަން ބޭނުން ނުވާ ކަމަށާއި ރައީސް ނަޝީދަކީ އެއަށްވުރެ ބޮޑަށް ޝަމީމް އިހުތިރާމު ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އިސްތިއުފާ އާ ބެހޭ ގޮތުން ކަނޑައަޅާފައި އޮންނަ އުސޫލުގެ ދަށުން ކަން ކުރާނަން،" ޝަމީމް ވިދާޅުވި އެވެ.