ވޮޝިންޓަން (މާޗް 27) : އެމެރިކާގެ ރައީސް ޖޯ ބައިޑެން ބާއްވާ ތިމާވެށީގެ އޮންލައިން ސަމިޓަކަށް ދުނިޔޭގެ 40 ގައުމެއްގެ އިސް ވެރިންނަށް ދައުވަތު އަރުވައިފިއެވެ.

ވައިޓްހައުސް ބުނާގޮތުން މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 22 އިން 23 އަށެވެ. ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ އިގްތިސާދީ އަދި އިޖްތިމާއީ ފައިދާއާއި އޭގެ މުހިއްމުކަން ދުނިޔެއަށް ހާމަކޮށްދިނުމުގެ މަގްސަދުގައި ބައްވާ ސަމިޓެއް ކަމުގައެވެ.

މިސަމިޓް ބޭއްވުމުގައި އެމެރިކާގެ ބޭނުމަކީ މިއަހަރުގެ ނޮވެންބަރުމަހު ސްކޮޓްލޭންޑްގެ ގްލަސްކޯގައި އދ. ން ބޭއްވުމަށް ހަމަޖެހިފައިވާ ކްލައިމެޓް ޗޭންޖް ކޮންފަރެންސް ގެ ކުރިން މޫސުމާގުޅޭ މުހިއްމު ފިޔަވަޅުތަކެއް އެޅޭތޯ ބެލުންކަމަށް ވައިޓް ހައުސްގެ ބަޔާނުގައިވެއެވެ.

ޗައިނާއާއި ރަޝިއާގެ ލީޑަރުން

އެމެރިކާއަކީ ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގައި ދެއްކުންތެރި ސިޔާސަތަކާ ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގައި ޕްރޮޕަގެންޑާތަކެއް ގެންގުޅޭ ގައުމެއްނަމަވެސް އެމެރިކާއަކީ ތިމާވެށި ހިމާޔަތްކުރުމަށް އަމަލީގޮތުން މާބޮޑު މަސައްކަތްތަކެއް ކުރާގައުމެއްނޫނެވެ. އަދި އެކަން ކުރުމަށް ފަސްޖެހޭވެސް ގައުމެކެވެ. އެމެރިކާގެ ތެލުގެ ކުންފުނިތަކާއި ހަތިޔާރުގެ ކުންފުނިތައްފަދަ ގިނަ ކުންފުނިތަކަކީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފިޔަވަޅުތަކާ ދެކޮޅު ކުންފުނިތަކެވެ.

ރައީސް ޖޯ ބައިޑެން އިސްކޮށް ހުންނަވައިގެން ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި ބާއްވާ މި ސަމިޓްގެ ނަމަކީ "ލީޑާސް ސަމިޓް އޮން ކްލައިމެޓް" އެވެ. އެމެރިކާގެ ރައީސް ޖޯބައިޑެން މި މިސަމިޓަށް ދައުވަތު އެރުވި ބޭފުޅުންގެ ތެރޭގައި އެމެރިކާ އެދެގައުމަކާ ދެކޮޅަށް ފިނި ހަނގުރާމައިގެ ވިސްނުމުގައި ބައިނަލްއަގްވާމީ ފެންވަރުގައި ޖައްސާލައިގެންއުޅޭ ދެގައުމު ކަމަށްވާ ޗައިނާއާއި ރަޝިއާގެ ރައީސުންވެސް ހިމެނެއެވެ. ބައިޑަން ވިދާޅުވިގޮތުގައި ޗައިނާގެ ރައީސް ޝީޖިންޕިންއާއި ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ސަމިޓަށް ޑިޕްލޮމެޓިކް ޗެނެލްގެ ތެރެއިން ދައުވަތު އަރުވާފައިވީނަމަވެސް ސަމިޓާބެހޭގޮތުން އެދެބޭފުޅުންނާ އަދި ވާހަކަ ދައްކާފައިނުވާނެ ކަމުގައެވެ.

ދުނިޔޭގައި ތިމާވެއްޓަށް ގެއްލުންދޭ ކާބަން ގޭސްތައް އެންމެ ގިނައިން ޖައްވަށް ބޭރުކުރާ ގައުމަކީ އެމެރިކާ ކަމަށްވީނަމަވެސް އެ ގޭސްތައް ބޭރުކުރުން މަދުކުރުމާބެހޭ ގާނޫނުތައް ފާސްކުރުމަށް އެމެރިކާގެ ކޮންގްރެސްވަނީ ތަކުރާރުކޮށް ފަސްޖެހިފައެވެ. ކޮންގްރެސްގެ މެންބަރުން އެކަމަށް ފަސްޖެހެނީ ތިމާވެށި ހިމާޔަތްކުރުމާ މަސްލަހަތު ފުށުއަރާ އެމެރިކާގެ ތެލުގެ ކުންފުނިތަކުގެ ނުފޫޒުގައި ކަމަށްވަނީ ބެލެވިފައެވެ.

އެމެރިކާގެ ކުރީގެ ރައިސް ޑޮނަލްޑް ޓްރަމްޕް ގެ ވެރިކަމުގައި އެމެރިކާ ވަނީ ފާޅުކަންބޮޑު ގޮތެއްގައި ތިމާވެށި ހިމާޔަތް ކުރުމާ ދެކޮޅު ހަދާފައެވެ. މިއާއެކު ޓްރަމްޕްވަނީ ތިމާވެށި ހިމާޔަތްކުރުމާބެހޭ ޕެރިސް އެއްބަސްވުމުންވެސް އެމެރިކާ ވަކިކޮށްފައެވެ. ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ގެންދަވަނީ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ސިޔާސަތެއް ބޭރުފުން ގެންގުޅެން ފަށާފައެވެ. އަދި ބައިޑެން ވަނީ ޕެރިސް އެއްބަސްވުމަށް އެނބުރި އެމެރިކާ އަލުން ރުޖޫއަވެސް ކޮށްފައެވެ.

ނަމަވެސް ތިމާވެށި ހިމާތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ އެމެރިކާގެ ތެލާއި ހަތިޔާރުގެ ސިނާއަތްތަކުގެ ކުންފުނިތަކުގެ މަސްލަހަތުތަކާ ފުށުއަރާ ފިޔަވަޅުތަކެއް ކަމުން ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގައި އަޑުތަކެއް ފެތުރުމާއި ޕްރޮޕަގެންޑާ ތަކެއް ކުރުން ފިޔަވައި އެހެން ކަމެއް ބައިޑެން އަށްވެސް ނުކުރެވޭނެ ކަމަށް ކަމާބެހޭ ތަހްލީލީ ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)