05 Feb 2012, 22:08
އިސްލާމްއާބާދު (ފެބްރުއަރީ 5) : ޕާކިސްތާނުގެ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި މައްސަލަތައް ޖެހިފައިވަނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ތުހުމަތު ކުރައްވައިފިއެވެ. ގީލާނީ ވިދާޅުވީ ޕާކިސްތާނުގެ ކޯޓުތަކާއި މުޅި ޝަރްޢީ ދާއިރާ، ސިފައިންގެ މުއައްސަސާއާ ގުޅިގެން މަސައްކަތްކުރަނީ ސަރުކާރު ނިކަމެތިކޮށްލަން ކަމުގައެވެ.
ގީލާނީ މިހެން ވިދާޅުވީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތެއް ތަހުގީގުކުރުމުގައި އެހީތެރިވެދިނުމަށް ކޯޓުންކުރި އަމުރަކަށް ގީލާނީގެ ސަރުކާރުން ޢަމަލު ނުކުރުމަކީ ކޯޓުގެ ޙުރުމަތްކެނޑުން ކަމަށް ކޯޓުން ނިންމުމުން ގީލާނީ "ހޫނުފެނަށް" ވެއްޓިވަޑައިގެންފައި ވަނިކޮށެވެ.
ސަރުކާރުން ކޯޓު އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދައުވާ ސްޕްރީމް ކޯޓުގައި ކުރެވުމާގުޅިގެން ކަންބޮޑުވެވަޑައިގެންފައިވާ ޖީލާނީ ވިދާޅުވީ ސްޕްރީމް ކޯޓުގެ ޙުކުމަށް ސަރުކާރުގެ ވެރިޔާގެ ހައިސިއްޔަތުން ތަބާވެވަޑައިގަންނަވާނެ ކަމަށާއި މިމައްސަލާގައި ޝަޚްސީގޮތުން ޖަވާބުދާރީ ވެވަޑައިގަތުމަށް ސްޕްރީމްކޯޓުން ފޮނުވި ޗިޓާއެއްގޮތަށް އެކޯޓަށް ހާޒިރުވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމުގައެވެ.
ކޯޓުގެ ޙުރުމަތް ކެނޑިކަމުގެކުށް ސަރުކާރުގެ ވެރިޔާގެ ހައިސިއްޔަތުން ޖީލާނީގެ މައްޗަށް ސާބިތުވެއްޖެނަމަ އަތުވެދާނެ ޙުކުމަކާބެހޭގޮތުން ކުރެވުނު ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ ކޮންމެ ޙުކުމެއް އައިނަމަވެސް އެޙުކުމަށް ކިޔަމަންތެރިވާނެ ކަމަށާއި ކޯޓަށް ޙާޒިރުވެ ވަޑައިގަންނަވަނީ އަމިއްލަ ނަފްސުގެ ދިފާޢުގައިވެސް ވަކާލާތު ކުރެއްވުމަށް ކަމުގައެވެ.
ކޯޓުގެ ހުރުމަތް ކެނޑުމުގެ ތުހުމަތުގައި، މިމަހުގެ 13 ވަނަ ދުވަހު ސްޕްރީމް ކޯޓަށް ހާޒިރުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ސްޕްރީމް ކޯޓުންވަނީ ޖީލާނީއަށް ޗިޓް ފޮނުވާފައެވެ. ގީލާނީ ކޯޓަށް ޙާޒިރުވެ ވަޑައިގަތުމަށް ނިންމެވިއިރު ކޯޓުގެ އަމުރަށް ދެވަނަފަހަރަށް ނުކިޔަމަންތެރިވެއްޖެނަމަ ޕާކިސްތާނުގެ ސިފައިންގެ ލަޝްކަރުތަކުން ކަންތައްކޮށްފާނެގޮތަކާމެދު ގީލާނީ ޖެހިލުންވެ ވަޑައިގަންނަވާ ކަމަށް އިސްލާމް އާބާދުގައި ޝާއިޢުކުރެވުނު މީޑިޔާ ރިޕޯޓެއް ބުނެއެވެ.
ޕާކިސްތާން ސިފައިންގެ ލަޝްކަރުތަކާއި ރައީސް އާސިފް އަލީ ޒަރުދާރީގެ ސަރުކާރާ ދެމެދު ދާދިފަހުން އުފެދުނު ނުތަނަވަސްކަން މިވަގުތު ކޮންމެވެސް ވަރަކަށް ފިލައިގެން ގޮސްފައިވީނަމަވެސް ސަރުކާރު އަދިވެސްއޮތީ ސިފައިންދެކެ ޖެހިލުންވާ ޙާލަތުގައި ކަމަށް ޚަބަރުތައް ބުނެއެވެ. ސިފައިންނާއި ސަރުކާރާ ދެމެދު އިތުބާރު ކުޑަވެފައިވުމުގެ އިތުރުން ޕާކިސްތާނުގެ ޕާލަމެންޓްރީ އިންތިޚާބުވެސް މިދަނޑިވަޅުގައި ދަނީ ބޯމަތިވަމުންނެވެ. ބޮޑުވަޒީރު ކޯޓު އަމުރަށް ކިޔަމަންތެރިވެ ވަޑައިގެންނުގެންފިނަމަ ޤައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ވެރިކަންކުރާ "ޕާކިސްތާން ޕީޕަލްސް ޕާޓީ" (ޕީ.ޕީ.ޕީ) އަށް ކުރިޔަށްއޮތް އިންތިޚާބުގައި ސިޔާސީ ގެއްލުންތަކެއް ކުރިމަތިވެދާނެކަމުގެ ބިރުވަނީ ހީވެފައެވެ.
ޕާކިސްތާނުގެ ކުރީގެ ޢަސްކަރީ ވެރިޔާ ޖެނެރަލް ޕަރުވޭޒް މުޝައްރަފްގެ ވެރިކަން ވެއްޓުމަށް މަގުފަހިވެގެންދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އިފްތިޚާރު ޗަވްދަރީ، ޤާނޫނާ ޚިލާފަށް، މަޤާމުން ދުރުކުރުމާގުޅިގެން ޕާކިސްތާނުގައި އުފެދުނު މުޒާހަރަތަކާއި ހަމަނުޖެހުންތައް ހިމެނެއެވެ.
ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީވެސް ހިމެނޭގޮތަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތާ ގުޅިގެން، ސްވިސް ބޭންކުގައި ހުރި ފައިސާތަކެއްގެ ތަފްސީލް ހޯދައިދިނުމަށްއެދި ކޯޓުން ސަރުކާރުގެ މައްޗަށް ކުރިއަމުރަކަށް އިޖާބަދިނުމަށް ޖީލާނީގެ ސަރުކާރުވަނީ ފަސްޖެހިފައެވެ. މިކަމަށް ފަސްޖެހެމުން ޖީލާނީގެ ސަރުކާރުން ބުނެފައިވަނީ ސްވިސް ބޭންކުގައިވާ ކަމަށްބުނެވޭ ފައިސާގެ މައްސަލާގައި ރައީސް ޒަރުދާރީގެ މައްޗަށް ތަހުގީގެއް ނުހިންގޭނެ ކަމަށާއި ރައީސް ކަމުގެ މަޤާމުގައި ހުންނެވިހާ ދުވަހަކު ޒަރުދާރީއަށް ގާނޫނީ ހިމާޔަތް ލިބިވަޑައިގެންފައިވާނެ ކަމުގައެވެ.
ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރުވޭޒް މުޝައްރަފްގެ ދުވަސްވަރު ކުރިޔަށްދިޔަ މިމައްސަލަ، އޭނާގެ ވެރިކަން ވެއްޓި، ޒަރުދާރީއަށް ވެރިކަން ލިބިވަޑައިގަތުމުންވަނީ ހުއްޓުމަކަށް އައިސްފައެވެ. މިމައްސަލަ ކޯޓުގައި އޮތުމުން މިކަމާބެހޭގޮތުން ބަޔާނެއް ދެއްވުމަށް ގީލާނީވަނީ ދެކޮޅު ހައްދަވާފައެވެ. -- ގަލްފް ނިއުސް، އަލްޢާލަމް