27 Mar 2021, 09:35
ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ސައިނާ" ރިލީޒްކުރިތާ މާ ގިނައިރުތަކެއް ނުވަނީސް ފިލްމު ލީކުކޮށްލައިފި އެވެ.
އިއްޔެ ފިލްމު ރިލީޒްކުރިއިރު މި ފިލްމު ލީކުކޮށްލާފައި ވަނީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ލީކުކުރަމުން އަންނަ ތަމިލްރޮކާސް އިންނެވެ. އޭގެ އިތުރުން ޓެލެގްރާމުންނާއި މޫވީރޫލްޒް އިން ވެސް ވަނީ މި ފިލްމު ލީކުކޮށްލައިފަ އެވެ. ސައިނާ އަކީ ބުޝަން ކުމާރު، ކްރިޝަން ކުމާރު އަދި ސުޖޭ ޖައިރާޖްގެ އިތުރުން ރަސޭހް ޝާހް ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ.
މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އަމޯލް ގުޕްތޭ ޑައިރެކްޓްކުރާ މި ފިލްމު އެންމެ ފުރަތަމަ ކުޅެން ދިނީ ޝްރައްދާ ކަޕޫރަށެވެ. ޝްރައްދާ އާ އެކު މި ފިލްމުގެ ޝޫޓިން ފެށި ނަމަވެސް ޝްރައްދާގެ ޝޫޓިން ޝެޑިއުލް އާ މި ފިލްމުގެ ޝޫޓިން ޝެޑިއުލް ދިމާނުވާތީ ސައިނާ ފިލްމު އޭނާ ވަނީ ދޫކޮށްލާފަ އެވެ. އެހެންވެ މި ފިލްމު ޕަރިނީތީ އަށް ލިބު ނީއެވެ.