ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން ނެގި 2،900އަށްވުރެ ގިނަ ސާމްޕަލް އިން 146 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ފެލިވަރު ކްލަސްޓާއިންނެވެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވީ އަދަދާ އަޅާ ބަލާއިރު، 16 ކޭސްގެ މަދުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ، 162 އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެންމެ ގިނަ މީހުން ޕޮޒިޓިވްވި ފެލިވަރު ކްލަސްޓާއިން 66 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މާލެ ސިޓީން 59 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން އަތޮޅު ތެރެއިން 11 މީހަކު އަދި ރިސޯޓުތަކުން 10 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 23،237އަށް އަރާފަ އެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 90 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ، 20،529 އެވެ.

މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،635 އެވެ. އޭގެ ތެރެއިން 100 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 66 އެވެ.

ވެކްސިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު ރާއްޖެއިން 273 މީހުން ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހާފައެވެ. އެއީ ހުސް އަތޮޅު ތެރޭ ވެކްސިން ސެންޓަރުތަކުން ވެކްސިން ޖެހި މީޙުންނެވެ. ހުކުރު ދުވަސްކަމަށްވުމުން، މާލެ ސިޓީގައި މިއަދު ވެކްސިން ނުޖަހައެވެ. މިހާތަނަށް ޖުމްލަ 227،600އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ،