26 Mar 2021, 20:25
މާލެއިން އުތުރު ރަށެއްގެ 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ބަލަމުންނުދާ ކަމަށް ބުނެ، އެ މައްސަލަ މަޖިލީހުން ބަލައި ދިނުމަށް އެދި ހުށަހަޅައިފި އެވެ.
މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ، މަޑުއްވަރީ ދާއިރާ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން އާދަމް ޝަރީފު ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މިއަދު ފޮނުވި ސިޓީގައި ބުނީ، މި މަހުގެ ފުރަތަމަ ހަފްތާގައި ކުޑަ ކުއްޖާ ކިޔަވާ ސްކޫލް ކައިރީގައި ހުންނަ ގެސްޓްހައުސްއަކަށް ބަޔަކު ވައްދައި، މަރާލާނެ ކަމުގެ ބިރު ދައްކައި، އެ ކުއްޖާ ރޭޕްކޮށްފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކަށް ކިޔައިދީފައިވާކަމަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ކަމަަށެވެ.
ހާދިސާ ހިނގިތާ މިހާރު ދުވަސްތަކެއްވީއިރު، އަދި އެ ދަރިވަރުންގެ ދުލުންވެސް އެ ވާހަކަތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާއިރު، މިހާތަނަށް އެ މައްސަލައިގައި އެއްވެސް މީހަކާ ފުލުހުން ސުވާލުކޮށްފައި ނުވާކަމަށް އާދަމް އެ ސީޓިގައި ފާހަގަކޮށްފައިވެއެވެ. އަދި އެއީ އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ލިބޭނެ ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް އާދަމް ޝަރީފު ބުނެފައިވެއެވެ.
"މިއީ، ކަމާބެހޭ މުއައްސަސާތަކުން ގަނޫނީ ފިޔަވަޅު އެޅުމަށް ފަސްޖެހެމުންދާކަން ދޭހަވާ އަދި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުންފަދަ ސީރިއަސް މައްސަލަތަކާމެދު އެއްވެސް ވަރެއްގެ ސަމާލުކަން ނުދޭކަން ދޭހަވާ ކަމެކެވެ،" އަދަމް ޝަރީފު ސިޓީގައި ލިޔެފައިވެއެވެ.
ފުލުހުން އެ މައްސަލައިގައި މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ބުނެ، އާދަމް ޝަރީފު އެދިވަޑައިގެންނެވީ، ރޭޕް މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކުން ބެއްލެވުމަށެވެ.
"އަންހެން ކުއްޖާ ކަމާބެހޭ ފަރާތްތަކަށް ހާދިސާ ކިޔާދީފައިވާތީވެ، ރޭޕް ކުރި މައްސަލަ، ވީއެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލިސް ކޮމިޓީތަކަށް ހުށަހަޅުއްވައިގެން ބަލައިދެއްވުމަށް އެދެމެވެ،" އެ ސީޓީގައި އާދަމް ޝަރީފު ވިދާޅުވި އެވެ.
ރޭޕް މައްސަލައާ ގުޅިގެން އެ ރަށުގައި މިއަދުވެސް މުޒާހަރާއެއް ކުރި އެވެ. އަދި މީގެ ކުރިން އެރަށުގެ ރައްޔިތުން ވަނީ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ، އެތަނަށް ހަމަލާ ގެއްލުންދީފަ އެވެ. އެ ހަމަ ނުޖެހުންތަކާ ގުޅިގެން ބައެއް މީހުން ހައްޔަރުވެސް ކުރި އެވެ.
އާދަމް ޝަރީފު ސިޓީގައި ވިދާޅުވީ، މައުސޫމް ކުޑަ ކުއްޖާއަށް އިންސާފު ނުލިބި، މުޖްރިމުން މިނިވަންކަމާއެކު ދޫވެފައި ތިބުމަކީ، މުޅި މުޖްތަމައުގެ މަސްލަހަތުވެސް ގެއްލެމުންދާ ކަމެއް ކަމަށެވެ. މަޖިލީހުން އެ މައްސަލަ ބެލުމުމުގެ އިތުރުން، ރަށުގެ މަސްރަހު އިތުރަށް ގޯސް ނުވާނެ ގޮތަށް އަމަލު ކުރެއްވުމަށް ސަރުކާރުން ރާވާފައިވާ ގޮތެއް ފުލުހުންގެ ޒިންމާއާ ބެހޭ މަޖިލީހުގެ ކޮމިޓީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބެލުމަށްވެސް އާދަމް ޝަރީފު އެދިވަޑައިގެންފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނީ، މި މަހުގެ ތިން ވަނަ ދުވަހު، އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ހުށަހެޅުނު ކަމަށެވެ.
"މި މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައި ނުވޭ،" ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.
އެ ކުއްޖާގެ އާއިލާގެ މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި މި މަހުގެ ތިން ވަނަ ދުވަހު އެ ކުއްޖާ ސްކޫލުގެ ކަމަކު ސްކޫލަށް ގޮސް ހުއްޓާ، ޓީޗަރަކު އޭނާ ގޮވައިގެން ސްކޫލު ކައިރީގައި ހުރި ގެސްޓް ހައުސްއަކަށް ގެންދިޔައީ އެވެ. އެކަން ހިނގީ ހަވީރުގެ ވަގުތެއްގަ އެވެ.
އެ ގެސްޓްހައުސްއަށް ގެންދިޔަ އިރު އެތަނުގައި އިތުރު ތިން މީހުން ތިބި ކަމަށާއި އެ މީހުން ތިބީ މާސްކު އަޅައި މޫނު ފޮރުވައިގެން ކަމަށް އޭނާ ކިޔައިދިނެވެ. އެހެންކަމުން، އެއީ ކޮން ބައެއްކަން ކުއްޖާއަށް ނޭނގޭ ކަމަށް އޭނާ ކިޔައިދިނެވެ.