05 Feb 2012, 22:02
ގަތަރު އެއާވޭޒް އިން ޖީއެމްއާރަށް ދަންކަން ޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މިރޭ ފުރަން އުޅުނު ގަތަރު އެއާވޭޒްގެ ފްލައިޓް ދެ ގަޑިއިރު ވަންދެން ފުރިޔަ ނުދީ ހިފަހައްޓައިފި އެވެ.
ޖީއެމްއާރުގެ އޮފިޝަލަކު ވިދާޅުވީ މިރޭ 7:00 ޖަހާއެހާކަންހާ އިރު ދޯހާއަށް ފުރަން އުޅުނު ބޯޓު ހިފެހެއްޓީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ގްރައުންޑް ހޭންޑްލިން އަށް ބޮޑުވި ފައިސާ ދައްކާފައި ނުވާތީ ކަމަށެވެ.
"އަޅުގަނޑުމެން މި އޮންނަނީ ވަކި މުއްދަތެއް ވީމާ އެ ފައިސާ ނުދައްކައިފިއްޔާ ހިފަހައްޓާ ގޮތް. އެގޮތުން ގަތަރުން އެ ފައިސާ ދިން ޑޭޓްގައި ވެސް ނުދެއްކީމާ ހިފެހެއްޓީ،" އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް ދެ ފަރާތުގެ މެދުގައި އެއްބަސްވެވުނު ގޮތެއްގެ މަތިން ބޯޓު މިހާރު ފުރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ފައިސާ ދެއްކި ކަމެއް ނުވަތަ ނޫން ކަމެއް އޮފިޝަލް ވިދާޅެއްނުވެ އެވެ. ވިދާޅުވީ ބައިގަޑިއެއްހާއިރު ފަހުން ގުޅުމަށެވެ.
އެ އެއާލައިންނުން ދާދިފަހުން ބުނެފައި ވަނީ ޖީއެމްއާރުން ފީތައް ބޮޑުކުރުމުން ރާއްޖެ އަށް ކުރާ ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމަށެވެ. ސްރީލަންކަން އެއާލައިންސް އިން ވެސް ވަނީ މާލެ ޔޫރަޕަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމައިފަ އެވެ. އަދި ތޮމްސަންއިން ވެސް މިހާރު އަންނަނީ ރާއްޖެއަށް ކުރާ ދަތުރުތައް މަދުކުރަން ވިސްނަމުންނެވެ.