26 Mar 2021, 18:17
ދެ ހަފްތާގެ މުއްދަތަށް ފަހު، ނ. ޅޮހި މޯނީޓަރިންގެ ހާލަތުން އުވާލައިފި އެވެ.
ކޮވިޑް ކޭސްތަކާ ގުޅިގެން ޅޮހި މޮނީޓަރިން ހާލަތައް ގެނެސް، އަރާ ފޭބުން ވަގުތީ ގޮތުން މަނާ ކުރީ މިމަހު 12 ވަނަ ދުވަހު އެވެ.
އެރަށު ކައުންސިލްގެ ނައިބު ރައީސް ފާތިމަތު ނައީމާ މިއަދު "ސަން"އަށް ވިދާޅުވީ، އެ ރަށް ރޭގެ ވަގުތެއްގައި މޮނީޓަރިން ހާލަތުން ނަގާފައިވާ ކަމަށެވެ.
"މިހާތަނަށް ޖުމްލަ 24 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައި. އޭގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެގެން ދޫކޮށްލައިފައި،" ނައީމާ
ނައީމާ ވިދާޅުވީ، މޮނީޓަރިން ހާލަތުން އުވާލި ނަމަވެސް، އަދިވެސް 100އަށްވުރެ ގިނަ މީހުން ކަރަންޓީންކޮށްފައިވާ ކަމަށެވެ.
"އެ އެންމެންގެ ސާމަޕްލަވެސް ރޭގެ ވަގުތެއްގައި ވަނީ ނަގާފައި. އަދި ނަތީޖާ ނުލިބޭ،" ނައީމާ ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖެއިން 23،000އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 20،439 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،579 އެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 66 އެވެ.