ކުރިއަށް އޮތް ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް ރާއްޖެެއިން ބޭރުން ހާފިޒުންނާއި ގާރީން ގެނައުމަށް ހާއްސަ ވިސާ ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ބޭރުން ހާފިޒުންނާއި ގާރިން ގެންނަން ބޭނުން ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިޔުންތައް އިމުގާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން ރަސްމީ ހަތް ދުވަހުގެ ތެރޭގައި ސިސްޓަމް މެދުވެރިކޮށް ހުއްދަ ލިބުނުކަން އަންގާނެ ކަމަށެވެ.

ހިފްޒުކޮށް ތަފާރީހު ކުރަން ބޭރުން ގާރިންނާއި ހާފިޒުން ގެންނަން ބޭނުން ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި

  1. ކައުންސިލް އިދާރާއިން ފުރިހަމަކޮށްފައިވާ "ސްޕެޝަލް ވިސާ އަށް އެދޭ ފޯމް" (IM22)

  2. "ވިސާ އަށް އެދޭ ފަރާތުގެ މައުލޫމާތު ފޯމް" (IM30)
  3. ބިދޭސީ ފަރާތުގެ "ޕާސްޕޯޓު ޑާޓާ ޕޭޖް" ގެ ކުލަ ކޮޕީ.
  4. ބިދޭސީ ފަރާތުގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯ (މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓް ފޮޓޯ މިންގަނޑާއި އެއްގޮތަށް ނަގާފައިވާ ފޮޓޯއެއް)
  5. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ދޫކޮށްފައިވާ ހުއްދަ.

އިމިގްރޭޝަނުން ބުނީ ހާފިޒުންނާއި ގާރިންނާ އެމީހުންގެ އެކުގައި އާއިލާގެ މެމްބަރުން (އަނބިން/ދަރިން) ދަތުރު ކުރާނަމަ، އެ ހާފިަކު ނުވަތަ ގާރީއަކު ގެންނަ އިދާރާއަކުން އެ ފަރާތްތައް ސްޕޮންސާ ކުރަން ޖެހޭނެ ކަމަށެވެ.

އަދި ހިފްޒުކޮށް ތަރާވީސް ކުރަން ގެންނަ މީހުންނަށް ދޫކުރާނީ 30 ދުވަހުގެ ޓޫރިސްޓް ވިސާ ކަމަށާއި 30 ދުވަހަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރާނަމަ ވިސާ ހަމަވުމުގެ ކުރިން އެ ވިސާގެ މުއްދަތު އިތުރު ކުރަން ޖެހޭނެ ކަމަށްވެސް ބުންޏެވެ.

އެ މީހުން ރާއްޖޭގައި ތިބޭ މުއްދަތުގައި ވިސާގެ ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރުމަކީ އެފަރާތްތައް ރާއްޖެ ގެންނަ ފަރާތެއްގެ ޒިންމާއެއް ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އެ މީހުންނަށް ދޫކުރާ ވިސާގެެ މުއްދަތު ހަމަވުމުގެ ކުރިން ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަށް އިމިގްރޭޝަނުން އިލްތިމާސް ކުރެ އެވެ.