މިރޭ އިރާކޮޅުން ފެށިގެން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބޭރުގެ ގޭޓުގެ ސިކިއުރިޓީ ސިފައިން ނުބަލަހައްޓާ ކަމުގެ ހަބަރުތަކެއް ފެތުރިއްޖެ އެވެ.

ސަންގެ ނޫސްވެރިން މިރޭ އެ ސަރަހައްދަށް ދިޔަ އިރު، އެމްއެންޑީއެފުގެ މެރިން ސިފައިން ސިިކިއުރިޓީ ބަލަހައްޓާ، ގޭޓުގެ އެތެރޭގައި ސިކިއުރިޓީ މީހަކު ނެތެވެ.

އެމްއެންޑީއެފުގެ މީޑިއާ އޮފިސަރު އަދި ކާނަލް އަބްދުއްރަހީމް ވިދާޅުވީ އޭނާ ވެސް އެފަދަ ވާހަކައެއް އަޑުއެއްސެވި ކަމަށާއި ނަމަވެސް އެކަން އަދި ކަށަވަރު ނުވާ ކަމަށެވެ.

"ތިޔަ ކަހަލަ ވާހަކައެއް އަޑު އެހިން އެހެން ނަމަވެސް އަދި ޑީޓެއިލެއް ނުލިބޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ސިފައިން ހުއްޓާލީތޯ ދެންނެވުމުން، އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭގެފާނު ސަން އަށް ވިދާޅުވީ، އެ މައުލޫމާތު ދެއްވާނެ ބޭފުޅަކު ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ބޭރު ގޭޓުގެ ސެކިއުރިޓީ ބަލަހައްޓަނީ މެރިން ކޯގެ ފަރާތުންނެވެ. އަދި އެތެރޭގެ ސެކިއުރިޓީ ބަލަހައްޓަނީ އެސްޕީޖީ ޔުނިޓުންނެވެ.

މެރިން ކޯގެ ސެކިއުރިޓީ އޮފިސަރު ފުރަތަމަ އެތަން ދޫކޮށް ދިޔައީ، ސަން އަށް އެނގިފައިވާ ގޮތުގައި، މިރޭ 7:30 އެހާކަންހާއިރު އެވެ. އަދި އޭގެ ފަހުން ކޮމްބެޓް ޔުނީފޯމްގައި ހުރި ސިފައިންގެ އޮފިސަރަކު އައިސް ގޭޓުގެ ތަޅުދަނޑިއެއް ގެންދިޔަކަން ވެސް ސަން ވަނީ އެނގިފަ އެވެ.

ސުޕްރީމް ކޯޓުގެ އެތެރޭގައި ސިކިއުރިޓީ ބަލަހައްޓާ އެސްޕީޖީގެ އޮފިސަރު އަދި ވެސް އިންނެވި ކަމަށް އެނގިފައިވެ އެވެ.

ޖޫޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ބުނީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ތަފުސީލު ނޭނގޭ ކަމަށެވެ.

ސަން އަަށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ގޭޓުގެ ސެކިއުރިޓީ ކަނޑާލިއަަސް، ފަނޑިޔާރުންނަށް މިހާރު ވެސް ކުރިއެކޭ އެއްގޮތަށް ސިކިއުރިޓީ އަންނަނީ ދެމުންނެވެ.

ސުޕްރީމް ކޯޓުގެ ބޭރު ގޭޓުގެ ސިކިއުރިޓީ ސިފައިން ވިތުޑްރޯ ކުރި އިރު، ވެރިކަން ކުރާ އެެމްޑީޕީގެ ފަރާތުން ވަނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް އަދި ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު ނުވައަކުން ހަތަކަށް - ތިރި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ވައްދައިފަ އެވެ.

އެ ބިލްގައި ބުނަނީ ބިލް ފާސްވެއްޖެ ނަމަ، އެ ބިލް ފާސްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.