އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާން ދާއިރު އަމިއްލަ ގަލަމެއް ގެންދަން އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފި އެވެ.

މިއީ ކޮވިޑް19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައި ބުނެފައިވާ ގޮތެވެ.

އީސީން ބުނީ އުސޫލުގައި ބުނެފައިވާ ގޮތަށް، ވޯޓުލާން ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަމިއްލަ ގަލަމަކުން ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް އެ ކޮމިޝަނުން ބާރުއަޅާ ކަމަށެވެ.

ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުން ކުރަންވާނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް 10 ވަނަ ދުވަހެވެ. އިންތިހާބުގައި ވޯޓުލާން 272،480 މީހުން ރެޖިސްޓްރީކޮށްފައިވެ އެވެ.

ކޮވިޑް-19 ޕެންޑެމިކާ ގުޅިގެން ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަނީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އީވޯޓިން ބޭނުންކުރަން ފަށާފައެވެ.

ނަމަވެސް ރާއްޖޭގައި އިލެކްޓްރޯނިކް ވޯޓިން ބޭނުންކޮށްގެން އިންތިހާބެއް ބާއްވައިފި ނަމަ އެ އިންތިހާބެއްގެ ނަތީޖާ ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގު ވަނީ ވިދާޅުވެފަ އެވެ.