25 Mar 2021, 22:46
ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ މައްސަލައިގައި ދައުވާ ނުކުރަން މީގެކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމި ނިންމުމަށް ބަދަލުނުގެންނަން އެ އޮފީހުން ނިންމައިފި އެވެ.
ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮޮމިޝަން (އޭސީސީ) އިން ޕީޖީއަށް ފޮނުވި އެވެ.
ޕީޖީ އިން އެ މައްސަލާގައި އޭރު ބުނީ ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑިކްލައިން ކުރަން ޖެހުނީ ކޯޓެއްގައި ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.
ނަމަވެސް އަލުން އެ މައްސަލަ ވަނީ ރިވިއުކޮށްފަ އެވެ. އަދި މައްސަލަ ރިވިއު ކުރަމުން ދިޔައިރު މައްސަލައިގައި އިތުރު ގިނަ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ޕީޖީ ހުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު ވިދާޅުވި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ ވެންޓިލޭޓަރުތަކާ ބެހޭ މައްސަލައިގައި އޭސީސީން އެ އޮފީހަށް ހުށަހެޅި އިތުރު މައުލޫމާތުތަކާ ގުޅިގެން، މައްސަލަ އަލުން ރިވިއުކޮށް ބެލިއިރު، އާ މައުލޫމާތާއި، މައްސަލައިގައި ކުރިން ހޯދިފައިވާ ހެކި ގަރީނާގެ މައްޗަށް ބަލައި، ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެކަމަށް ނުފެންނަ ކަމަށެވެ.
އަދި މައްސަލާގައި ދައުވާ ނުކުރުމަށް އެ އޮފީހުން ނިންމި ސަބަބުތައް އެގޮތުގައި ދެމިއޮތްކަމަށް ފެންނާތީ، އެ ނިންމުމަށް ބަދަލުނުގެންނަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
އެ ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.