ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ މިންގަނޑުތަކާއި، ކަމާގުޅޭ އެހެނިހެން އުސޫލުތައް ބަޔާންކޮށް، ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ ގަވާއިދު ހަދައި އާންމުކޮށްފި އެވެ.

މިއަދު ގެޒެޓުކޮށްފައިވާ ގަވާއިދުގައި ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ޝަރުތުތަކާއި، ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ހުށަހެޅުން ބަލައިނުގަންނާނެ ހާލަތުތަކާއި ދިވެހި ރައްޔިތުކަން އަނބުރާ އިއާދަވާނެ ހާލަތުތައް ބަޔާންކޮށްފައިވެ އެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފަރާތަކީ، އަންނަނިވި އުމުރުން 18 އަހަރު ފުރިފައިވާ، ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ އެނގޭ މީހަކަށް ވާންޖެހޭނެ އެވެ. އަދި އެއީ އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވާ ނުވަތަ ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ މީހަކަށް ވެސް ވާންޖެހޭނެ އެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާނީ، ފޮރިން މިނިސްޓަރަށެވެ. އަދި ރައްޔިތުކަން ދޫކޮށްލުމުގެ ހުށަހެޅުންތަކާބެހޭ އެންމެހައި ކަންކަން ވިލަރެސްކޮށް ބަލަހައްޓާނީ، ފޮރިން މިނިސްޓްރީ އިންނެވެ.

ރައްޔިތުކަން ދޫކޮށްލާ ފަރާތަކީ ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ އެނގޭ މީހެއްކަން ކަށަވަރު ކުރުމަށް ފޮރިން މިނިސްޓްރީން އިންޓަވިއުއެއް ކުރަން ޖެހޭނެ އެވެ. އިންޓަވިއު ޕެނަލުގައި ހިމެނޭނީ، ފޮރިން މިނިސްޓަރު ކަނޑައަޅާ ފަރާތްތަކެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލައިފިނަމަ، ދިވެހި ރައްޔިތަކަށް ވީތީ ލިބިދޭ އެންމެހައި ހައްގުތަކާއި އިމްތިޔާޒުތަކާއި އިނާޔަތްތަކެއް އެ މީހަކަށް ގެއްލިގެންދާނެ އެވެ.

އެގޮތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ އެއްވެސް ލިޔުމެއް ގެންގުޅުމުގެ ހައްގާއި، ދިވެހި ޕާސްޕޯޓުގައި ދަތުރުފަތުރު ކުރުމުގެ ހައްގާއި، އިތުރު ހުއްދައެއް ހޯދުމަކާ ނުލައި ރާއްޖެއަށް އެތެރެވުމުގެ ހައްގާއި، ރާއްޖޭގައި ބާއްވާ އެއްވެސް އިންތިހާބެއްގައި ވޯޓުލުމުގެ ހައްގާއި އެއްވެސް އިންތިހާބަކަށް ކުރިމަތިލުމުގެ ހައްގާއި ރާއްޖޭގެ ސަރަހައްދުން އެއްވެސް ބިމެއް މިލްކުވެފައިވާނަމަ، އެ ބިމުގެ
މިލްކުވެރިކަމުގެ ހައްގާއި، ރާއްޖޭގެ ސަރަހައްދުން އޭނާއަށް މިލްކުވެރިކަން ލިބެން އޮތް ބިމަކާ ގުޅޭގޮތުން އޭނާއަށް ލިބިފައިވާ ހައްގުތަކާއި ނޫނުއަސާސީންނާއި ގާނޫނުން ދިވެހި ރައްޔިތުންނަށް ލިބިދޭ އެނޫންވެސް ހައްގުތަކާއި އިމްތިޔާޒްތަކާއި އިނާޔަތްތައް ލިބުމުގެ ހައްގު
ގެއްލިގެންދާނެ އެވެ.

ނަމަވެސް ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ކުރިން އޭނާ އުފުލާންޖެހިފައިވާ މަދަނީ އިލްތިޒާމުތަކާއި ޖިނާއީ އިލްތިޒާމުތައް އަދާކުރުމަކުން އޭނާ ބަރީއައެއް ނުވާނެ އެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފަރާތުގެ 12 އަހަރު ނުފުރޭ ދަރިއެއްގެ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދެވޭނީ، ކުއްޖާގެ މަންމައާއި ބައްޕައާ ދެމީހުންނަކީ ދިވެހި ރައްޔިތުން ކަމުގައި ވެފައި،

މި ގަވާއިދުގެ ދަށުން ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދެނީ އޭގެ ތެރެއިން އެކަކު ކަމުގައިވާ ހާލަތުގައި، ކުއްޖާގެ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އަނެއް ބެލެނިވެރިޔާގެ ރުހުން ލިބިފައިވުމުންނެވެ. އަދި ކުއްޖާއަށް އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވުން، ނުވަތަ ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވުމުންނެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފަރާތުގެ 12 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިއެއްގެ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާނަމަ، އެ ޝަރުތުތައް ފުރިހަމަވުމުގެ އިތުރުން، ދިވެހި ރައްޔިތުކަން ދޫކޮށްލުމާމެދު އެ ކުއްޖާގެ ރުހުން ލިބިފައި އޮންނަން ޖެހޭނެ އެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމެއް ބަލައިނުގަތުމުގެ އިހްތިޔާރު ފޮރިން މިނިސްޓަރަށް ލިބިގެންވެ އެވެ. އެގޮތުން ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ މީހާ ރާއްޖޭގައި ދިރިއުޅޭ ހާލަތުގަ އާއި ރާއްޖެ ހަނގުރާމައިގެ ހާލަތެއްގައި ވުމާއި، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި އޮތުމާއި ރައްޔިތުކަން ދޫކޮށްލުމަށް ބޭނުންވާ ތަކެތި ފުރިހަމައަށް ހުށަހެޅިފައި ނުވާ ހާލަތުގައި އެ ހުށަހެޅުން ބަލައިނުގަތުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ބުނެ އެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ އިގުރާރުގައި ސޮއިކުރުމާއެކު، އޭނާއަށް ދޫކޮށްފައިވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ދިވެހި ޕާސްޕޯޓު،
ހަވާލު ކުރަންޖެހޭނެ އެވެ. އަދި ދިވެހި ރައްޔިތުކަން ދޫކޮށްލިކަމުގެ ލިޔުމެއް އޭނާއަށް ދޫކުރާންވާނެއެވެ. އެ ލިޔުން ދޫކުރާ ތާރީހުން ފެށިގެން އެ މީހަކީ ދިވެހި ރައްޔިތެއް ކަމުގައި ނުބެލެވޭނެ އެވެ.

ނަމަވެސް އެ ލިޔުން ދޫކުރި ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެހެން ގައުމެއްގެ ރައްޔިތުކަން ނުލިބިއްޖެނަމަ، އެ ލިޔުން ބާތިލުވާނެ އެވެ. އަދި އޭނާއަކީ ދިވެހި ރައްޔިތުކަން ގެއްލިފައިވާ މީހެއް ކަމުގައެއް ނުބެލެވޭނެ އެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލާ ފަރާތަކީ އޭނާ ދިވެހި ރައްޔިތުކަން ދޫކޮށްލާއިރު، އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވާ ފަރާތެއް ކަމުގައި ނުވާނަމަ، އޭނާއަށް އެހެން ގައުމެއްގެ ރައްޔިތުކަން ލިބުނުހައި އަވަހަކަށް މިނިސްޓްރީއަށް އަންގަން ޖެހޭނެ އެވެ.

އެ މުއްދަތު ހަމަވާއިރު އެކަން މިނިސްޓްރީއަށް ނާންގާ ނަމަ، އެއީ އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިނުވާ ފަރާތެއްކަމަށް ބަލައި، އެ ފަރާތަކީ ދިވެހި ރައްޔިތެއް ކަމުގައި ބެލެވޭނެ އެވެ. އަދި އެކަމުގެ
ސަބަބުން، އެ ފަރާތަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް މިނިސްޓްރީން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.

ރައްޔިތުންކަން ދޫކޮށްލުމުގެ ސަބަބުން އޭނާގެ ބިން ދޫކޮށްލި ނަމަވެސް އެ ބިން އެހެން ފަރާތަކަށް ލިބޭނީ، އެ ބިން ދޫކޮށްލާ ފަރާތަށް އެހެން ގައުމެއްގެ ރައްޔިތުކަން ލިބުމަށްފަހު، ޝަރީއަތް މެދުވެރިކޮށް އެ ބިމުގެ
މިލްކުވެރިކަން އެ ފަރާތަކަށް ބަދަލުކުރުމުންނެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލާ ފަރާތަކަށް، ހަ މަސްދުވަހުގެ ތެރޭގައި
އެހެން ގައުމެއްގެ ރައްޔިތުކަން ނުލިބިއްޖެނަމަ، ބިންދޫކޮށްލި ދޫކޮށްލުން ބާތިލުވާނެ އެވެ. އަދި ބިން ލިބޭނެކަމަށް، ބިން ދޫކޮށްލުމުގެ އިގުރާރުގައި ބަޔާންކޮށްފައިވާ ފަރާތަށް އެ ބިމާ ގުޅޭ އެއްވެސް ހައްގެއް ނުލިބޭނެ އެވެ.

މިއަދުން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ވަނީ ފަށައިފަ އެވެ.