ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް އަދި ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް މަދު ކުރުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެމްޑީޕީން މިއަދު އާންމު ކުރި އެއް ސަފުހާގެ "މީޑިއާއަށްދޭ ހަބަރު"ގައި ބުނެފައި ވަނީ "ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނު" އަށް އެ އިސްލާހު ގެނައުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. އަދި ހައި ކޯޓުގައި ނުވަ ފަނޑިޔާރުނެވެ.
ފަނޑިޔާރުންގެ ގާނޫނުގެ ފަސް ވަނަ މާއްދާ އަށް އެމްޑީޕީ އިން ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ "ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެން ވަނީ، އުއްތަމަފަނޑިޔާރާއި އެ ކޯޓަށް އައްޔަން ކުރެވޭ އިތުރު 4 ]ހަތަރު[ ފަނޑިޔާރުންނާ އެކު 5 ]ފަސް[ ފަނޑިޔާރުންގެ މައްޗަށް" ކަމަށެވެ.

އަދި އެ މާއްދާ ފާސް ވެއްޖެ ނަމަ ފަނޑިޔާރުންގެ ގާނޫނުގެ 16 ވަނަ މާއްދާ އުނިވާނެ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.

އަދި އެ ބަދަލު ގާނޫނަށް، ހުށަހަޅާފައިވާ ގޮތަށް ގެނެވިއްޖެ ނަމަ، 30 ދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކުރަން ޖެހޭނެ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި ބިލްގައިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

ހައި ކޯޓު އެކުލެވިގެންވާ ގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް އެމްޑީޕީން ހުށަހެޅި ބިލްގައި ވަނީ އެ ގާނޫނުގެ 27 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ. އެ މާއްދާ އަށް އެ ޕާޓީން ހުށަހެޅި އިސްލާހުގައި ބުނަނީ "ހައިކޯޓު އެކުލެވިގެން ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރާއި އެ ކޯޓަށް އައްޔަން ކުރެވޭ އިތުރު 6 ]ހައެއް[ ފަނޑިޔާރުންނާ އެކު ޖުމްލަ 7 ]ހަތެއް[ ފަނޑިޔާރުންގެ މައްޗަށް" ކަމަށެވެ.

އެ ކޯޓަށް ވެސް ފަނޑިޔާރުން، ބިލް ފާސްވެ ތަސްދީގު ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކުރަން ޖެހޭނެ ކަމަށް ބިލްގައިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ސްޕޯސްޕާސަން އިމްތިޔާޒު ފަހުމީ މިއަދު ވިދާޅުވީ އެ ބަދަލު ގާނޫނަށް ގެނައުމަށް ހުށަހެޅީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުން އަދަދު މަދުކުރުމަށް ބޭނުންވާތީ ކަމަށެވެ.