25 Mar 2021, 17:10
ކޮވިޑް19 ގެ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން، ވަކި މުއްދަތެއްގެ ތެރޭގައި ޅ. ނައިފަރު އަދި އެ އަތޮޅު ފެލިވަރުގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެހެން ރަށަކަށް ގޮސްފައިވާ އެންމެން ކަރަންޓީނުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
އެޗްޕީއޭ އިން ބުނީ މި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ނައިފަރުން އެހެން ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އަންގަން އެދޭ ކަމަށެވެ.
ހަމައެއާއެކު މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފެލިވަރުން ފުރި އެންމެން ވެސް އެގޮތަށް އަމަލުކުރުމަށް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.
އެޗްޕީއޭ އިން ބުނީ އެ ތާރީހުތަކުގެ ފަހުން ނައިފަރަށް އަދި ފެލިވަރަށް ގޮސްފައިވާ ފަރާތެއްވާނަމަ، އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށް އަންގާ ކަމަށެވެ.
އެ މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސާމްޕަލް ނަގަައި ޓެސްޓްކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އެޗްޕީއޭ އިން ބުނީ އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.
ހަމައެއާއެކު އެ މުއްދަތުތަކުގައި އެ ދެ ރަށުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނަގަން ދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭ އިން ބުނީ ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް، އެ ދެ ރަށުގައި އުޅުމަށްފަހު އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށާއި، އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރަންވާނެ ކަމަށެވެ. އަދި އެ މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސާމްޕަލްއެއް ނަގަައި ޓެސްޓްކުރަންވާނެ ކަމަށެވެ.
ފެލިވަރުން ޕޮޒިޓިވްވީ މަސް ފެކްޓްރީގައި މަސައްކަތްކުރާ ނައިފަރަށް ނިސްބަތްވާ މުވައްޒަފެކެވެ. އޭނާ ޕޮޒިޓިވްވީ ނައިފަރުގައި ހުއްޓާ ކަމަށާއި އޭނާ އެންމެ ފަހުން ފެލިވަރަށް ދިޔައީ ޕޮޒިޓިވްވިތާ ހަތަރު ދުވަސް ކުރިން ކަމަށް ފެލިވަރުގެ ރީޖަނަލް މެނޭޖަރު މުހައްމަދު އިބްރާހިމް "ސަން"އަށް ވަނީ ވިދާޅުވެފަ އެވެ.
ނައިފަރުން އެންމެ ފުރަތަމަ ކޮވިޑް19 ގެ ކޭސްއެއް ފެނިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އެރަށުން ޕޮޒިޓިވްވީ ރ. އުނގޫފާރަށް ދަތުރުކޮށްފައިވާ މީހެއް ކަމަށެވެ.
އުނގޫފާރުން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އުނގޫފާރު ކްލަސްޓާއާ ގުޅުންހުރި ގިނަ ކޭސްތަކެއް މެދުރާއްޖެތެރޭގެ ރަށްރަށުން ދަނީ ފެންނަމުންނެވެ. އެ ކްލަސްޓާއާ ގުޅިގެން އުނގޫފާރުގެ އިތުރުން ރ. މަޑުއްވަރީ، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، ފެލިވަރު، ހދ. ކުޅުދުއްފުށި އަދި ކ.ދިއްފުށިން ޕޮޒިޓިވް ކޭސްތައް ފެނި އެރަށްރަށަށް އަރާފޭބުން ވަނީ މަނާކޮށްފަ އެވެ.