ސިވިލް ސާވިސް މުވައްޒަފުންނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ދެއްކެވި ވާހަކަ އޭނާ ދިފާއު ކުރައްވަިފި އެވެ.

ސިވިލް ސާވިސް މުވައްޒަފުންނަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން، ކައްވަޅަށް ދާންދެން އަނގަމަޑުންލައިގެން ތިބެންޖެހޭ ބައެއް ކަމަށާއި، ބޭނުންހާ ވާހަކައެއް ނުދެއްކޭނެ ކަމަށް މެމްބަރު ސައްލެ އިއްޔެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.

އެ ވާހަކަތަކާ ގުޅިގެން ސައްލެ އަށް ގިނަ ބަޔެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ސައްލެ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން ސިވިލް ސާވިސްގައި މަސައްކަތް ކުރި މިހެއްގެ ހައިސިއްޔަތުން، ރާއްޖޭގައި ޕްރޮފެޝަނަލް ސިވިލް ސާވިސްއެއް އުފެދުމަކީ އޭނާގެ އުއްމީދެއް ކަމަށެވެ.

"މަޖިލީހުގައި ވާހަކަ ދެއްކީވެސް އެގޮތުން، ވާހަކައިގެ ތަންތަންކޮޅު ވަކިން ޓްވިސްޓު ކުރިޔަސް ޖުމްލަކޮށް ދެއްކި ވާހަކައަކީ ޕްރޮފެޝަނަލް ސީއެސް[އެއް]ގަ ހުންނަން ޖެހޭ ކަމަށް އިލްމުވެރިން އެއްބަސްވާ ޕްރިންސިޕަލްތައް،" ސައްލެ ވިދާޅުވިއެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ސައްލަ އިއްޔެ ވިދާޅުވީ އޭރުގައި އޮންނަ ސަރުކާރެއްގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ސިވިލް ސާވިސްއަށް އޮންނަންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ އިތުބާރު ގެއްލެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ސިވިލް ސާވިސްގެ ތެރޭގައި ހުންނަންޖެހޭ ވެލިއުތައް ގާއިމުކޮށްދެވިފައި ނެތުން ކަމަށާއި އެގޮތުން މިދިޔަ 13 އަހަރުގެ ތެރޭގައި އެ ކަމަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ސިވިލް ސާވިސްގައި ހުންނަ މީހަކީ، ވަކި މިންގަނޑުތަކަކަށް، ވަކި ހުދޫދުތަކަކަށް، ވަކި ޑިސިޕްލިނަކަށް އުޅޭ މީހެއް. ބޭނުންހާ އެއްޗެއް ނުލިޔެވޭނެ. ބޭނުންހާ ވާހަކައެއް ނުދެއްކޭނެ. އޭނައަކީ ފޭސްލެސް މީހެއްގެ ގޮތުގައި ތަޖުރިބާކާރުން ބުނަނީ. އޭނައަކީ އަޑެއް ނެތް މީހެއް. އޭނައަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަންޖެހޭ މީހެއް. ބޭނުން އެއްޗެއް ފޭސްބުކްގައި ނުލިޔެވޭނެ. ބޭނުންތާކު ބޭނުން ވާހަކައެއް ނުދެއްކޭނެ. އެއީ ޕްރޮފެޝަނަލް މީހެއް،" އޭނާ ވިދާޅުވި އެވެ.

މި ވާހަކަތަކާ ގުޅިގެން އޭނާ އަށް އަަމާޒުވަމުންދަ ފާޑުކިޔުންތަކަށް އިޝާރާތްކޮށް ސައްލެ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް އިހުތިރާމު ކުރާ ކަމަށާއި، އޭނާގެ މުޅި ވާހަކަ އަޑުއަހައިފިނަމަ، ގައުމު ބިނާ ކުރުމުގައި ސިވިލް ސާވިސް މުވައްޒަފުން އަދާކުރާ މުހިއްމު ދައުރާ ގުޅޭގޮތުން ދެއްކި ވާހަކަވެސް އަޑު އިވޭނެ ކަމަށެވެ.

"އެ ވާހަކަތަކާ ގުޅިގެން އެއްވެސް މީހަކު ހިތްހަމަ ނުޖެހޭނަމަ އެކަމަށް މައާފަށް އެދެން،" ސައްލެގެ ޓުވީޓުގައި ވިދާޅުވިއވެެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ސައްލެ އިއްޔެ ވިދާޅުވީ ސިވިލް ސާވިސްގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން، ގާނޫނުއަސާސީ އިން އޭނައަށް ލިބިދޭ ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރިޔަސް މައްސަލައެއް ނެތް ކަމަށް އެ މުވައްޒަފަކު އިއުތިރާފުވާ ކަމަށެވެ.

ސިވިލް ސާވަންޓުންނަކީ އާންމު ރައްޔިތުންނަށް ނޭނގޭ، އޮފީހުގެ އިތުރު މައުލޫމާތުތައް އެނގޭ މީހެއް ކަމަށާއި ލިބިފައިވާ "ޕްރިވިލެޖް" އާއެކު އޭނާ އަމަލުކުރަންޖެހޭ މިންގަނޑު ތަކެއް ވެސް އެބަހުރި ކަމަށް މެމްބަރު ސައްލެ ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ކިތައް ސިވިލް ސާވަންޓުންނަށްތޯ އޭނަ ހިދުމަތްކުރާ ޕްރޮފެޝަންގެ އަގު ހިފެހެއްޓެނީ؟ މިއަދު ހެނދުނު އިރު އެރިއިރު ވެސް އަޅުގަނޑަށް ލިބިފައި އެބަ އޮތް ސިވިލް ސާވަންޓަކު ފޭސްބުކްގައި ޕޯސްޓްކޮށްފައި އޮތް ލިޔުމެއް ވަކި ކެނޑިޑޭޓަކަށް ތާއީދުކޮށްފަ. ނުކުރެވޭނެ އިއްޒަތްތެރި ރައީސް،" މެމްބަރު ސައްލެ ވިދާޅުވި އެވެ.