25 Mar 2021, 14:26
ދިއްލީ (މާޗް 25): ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހުގެ އާ ވޭރިއެންޓެއް އިންޑިއާއިން ފެނިއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ރިޕޯޓުކޮށްފި އެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގެ މަހާރަޝްތުރާއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ހަށިގަނޑުން ނަގާފައިވާ ބައެއް ސާމްޕަލްތަކުން، މީގެ ކުރިން ފެނިފައިވާ ވޭރިއެންޓުތަކާ ތަފާތު ވޭރިއެންޓެއް ފާހަގަ ކުރެވިފައިވެ އެވެ. އަދި މީގެ ކުރިން ފެނުނު އާ ދެ ވޭރިއެންޓަކުން ފާހަގަ ކުރެވުނު ބަދަލުތައް ނުވަތަ މިއުޓޭޝަންތައް އެ ވޭރިއެންޓުގައި ހުރި ކަމަށް ހެލްތުން ބުންޏެވެ.
ނިއު ދިއްލީގެ ސެންޓާ ފޯ ޑިޒީސް ޑައިނެމިކްސް، އިކޮނޮމިކްސް އެންޑް ޕޮލިސީގެ ވެރިޔާ ރާމަނަން ލަކްޝްމީނާރަޔަން ވިދާޅުވި ގޮތުގައި އިންޑިއާއިން ފެނިފައިވާ ވޭރިއެންޓަކީ އެހެން ވޭރިއެންޓުތަކަށް ވުރެ ނުރައްކާތެރި ބާވަތެއް ކަމުގެ އެއްވެސް ހެއްކެއް އަދި ފެނިފައި ނުވެ އެވެ. ނަމަވެސް ސައިންސުވެރިން ދަނީ އާ ވޭރިއެންޓު ދިރާސާ ކުރަމުންނެވެ.
އިންޑިއާއިން އާ ވޭރިއެންޓެއް ފެނިފައިވާކަން އިއުލާންކޮށްފައި ވަނީ އެގައުމުގައި ކޮވިޑް-19އިގެ ކޭސްތައް އިތުރުވެ، ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އިއްޔެ އަކީ މި އަހަރު ފެށުނު ފަހުން އެގައުމުން އެންމެ ގިނަ އަދަދަކަށް މީހުންނަށް ބަލި ޖެހުނު އަދި ބަލީގައި މީހުން މަރުވި ދުވަހެވެ. އެގޮތުން އިއްޔެ 47،262 މީހުންނަށް ބަލި ޖެހި، 275 މީހުން ކޮވިޑު ޖެހިގެން މަރުވި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އިންޑިއާގައި މިހާރު ކޮވިޑް ކޭސްތައް އިތުރުވަމުން ދަނީ އަލަށް ފާހަގަ ކުރެވުނު ވޭރިއެންޓުގެ ސަބަބުން ކަމަށް އަދި ނުބުނެވޭނެ ކަމަށް ހައިދަރުއާބާދުގެ ސެންޓާ ފޯ ސެލިއުލާ އެންޑް މޮލިކިއުލާ ބަޔޮލޮޖީ (ސީސީއެމްބީ)ގެ ޑިރެކްޓަރު ޑރ. ރާކޭޝް މިޝްރާ ވިދާޅުވި އެވެ.
"އިންޑިއާގެ ދެވަނަ ރާޅުގެ ފަހަތުގައި ވަނީ މި ވޭރިއެންޓު ކަމަށް އެބަ ތުހުމަތު ކުރޭ. އަޅުގަނޑު ބުނާނީ އެހެނެއް ނޫން، އަޅުގަނޑުމެން ޓެސްޓު ކުރި 80 ޕަސެންޓު ސާމްޕަލްތަކުން އެ ދެ މިއުޓޭޝަން އެއްކޮށް ފެނިފައި ނުވޭ. މަހާރަޝްތުރާއިން ނެގި އެތައް ހާސް ސާމްޕަލްތަކުގެ ތެރެއިން އެ ވޭރިއެންޓު ގުޅިފައި ވަނީ އެންމެ 230 ކޭސްއާ،" މިޝްރާ ވިދާޅުވި އެވެ.
އިންޑިއާގެ ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އެގައުމުގައި ބަލި ފެތުރޭ މިންވަރު އިތުރުވި ސަބަބުތަކުގެ ތެރޭގައި، މި އަހަރު ފެށުނު އިރު އެގައުމުގައި ބަލީގެ ކޭސްތައް މަދުވުމުން، ގިނަ އަދަދެއްގެ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ހުއްޓާލުން ހިމެނެ އެވެ.