ސިވިލް ސާވިސް މުވައްޒަފުންނަކީ ފޭސްލެސް ބައެއް ކަމަށް ބުނެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ދެއްކެވި ވާހަކަ އެމްޑީޕީއިން ބަލައި ނުގަންނަކަމަށް އެ ޕާޓީއިން ބުނެފި އެވެ.

ސިވިލް ސާވިސް މުވައްޒަފުންނަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން، ކައްވަޅަށް ދާންދެން އަނގަމަޑުންލައިގެން ތިބެންޖެހޭ ބައެއް ކަމަށާއި، ބޭނުންހާ ވާހަކައް ނުދެއްކޭނެ ކަމަށް ސައްލެ ވިދާޅުވީ އިއްޔެގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބު ވެވަޑައިގެންފައިވާ ސައްލެ ދެއްކެވި އެ ވާހަކަތަކާ ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުން އެމްޑީޕީއާއި ސައްލެއަށް ވަނީ އަމާޒުވެފަ އެވެ.

އެމްޑީޕީގެ "ރަށްވެހިފަތިސް"ގެ ސްޕޯކްސްޕާސަން މުހައްމަދު ސައިފް ފާތިހު މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ގާނޫނުއަސާސީއިން ކޮންމެ ރައްޔިތަކަށް ލިބިދޭ ހައްގުތައް ސިވިލް ސާވެންޓުންނަށްވެސް ލިބިދެވޭނެ ކަމަށެވެ. އަދި އެ ހައްގަށް އުނިކަން އަންނަ ގޮތަށް ހިންގާ އެއްވެސް އަމަލަކާއި ދައްކާ އެއްވެސް ވާހަކައަކީ އެމްޑީޕީއިން ބަލައި ގަންނާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރަށްވެހިފަތިސްގެ ސްޕޯކްސް ޕާސަން މުހައްމަދު ސައިފް ފާތިހު -- ސަންފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

"އެއްވެސް ހައްގަކަށް ބިރުވެރިކަން އަންނަ ގޮތަށް. އެއްވެސް ހައްގަކަށް އުނިކަން އަންނަ ގޮތަށް. އެއްވެސް ހައްގަކަށް ހަނިކަން އަންނަ ގޮތަށް އެއްވެސް ވާހަކައެއް ދެއްކުމަކީ، އެއްވެސް އަމަލެއް ކުރުމަކީ، އެއްވެސް ފިޔަވަޅެއް އެޅުމަކީ އަޅުގަނޑުމެންގެ ކެމްޕޭނުންވެސް އަދި މި ޕާޓީއިންވެސް ގަބޫލުކުރާނެ ކަމެއް ނޫން،" ސައިފް ވިދާޅުވި އެވެ.

އެމްޑީޕީއަކީ އެއް އިރަކުވެސް ސިވިލް ސާވިސް މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ޕާޓީގެ ހަރަކާތްތަކަށްވެސް ނެރޭ ބައެއް ނޫން ކަމަށް ސައިފް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުވެސް ވަނީ އެކަމާ ގުޅިގެން ޓްވީޓެއް ކުރައްވާއެވެ. ޓްވީޓުގައި ހަަސަން ލަތީފް ވިދާޅުވީ ގާނޫނުއަސާސީއިން ލިބިދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަކީ ވަރަށް އަސާސީ ހައްގެއް ކަމަށެވެ. އެ ހައްގުން ބައެއް ވިޔަސް ހިފެހެއްޓިފައި ވަނީ ކޮންމެހެން އެކަން ކުރަން ޖެހޭ ހާލަތްތަކުގައި އެކަން ކުރަން ޖެހޭ މިންވަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ ގާނޫނަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން ސައްލެ ވިދާޅުވެފައި ވަނީ އޭރުގައި އޮންނަ ސަރުކާރެއްގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ސިވިލް ސާވިސްއަށް އޮންނަންޖެހޭނެ ކަމަށެވެ. އަދި އެ އިތުބާރު ދެމެހެއްޓުމަށް، ސިވިލް ސާވިސްގެ ވަޒީފާގައި ތިބި 26،000 މުވައްޒަފުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

މެމްބަރު ސައްލެ ވިދާޅުވީ އެ އިތުބާރު ގެއްލެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ސިވިލް ސާވިސްގެ ތެރޭގައި ހުންނަންޖެހޭ ވެލިއުތައް ގާއިމުކޮށްދެވިފައި ނެތުން ކަމަށެވެ. އެގޮތުން މިދިޔަ 13 އަހަރުގެ ތެރޭގައި އެ ކަމަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް މެމްބަރު ސައްލެ ވިދާޅުވި އެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް -- ފޮޓޯ/ މަޖިލިސް

"ސިވިލް ސާވިސްގައި ހުންނަ މީހަކީ، ވަކި މިންގަނޑުތަކަކަށް، ވަކި ހުދޫދުތަކަކަށް، ވަކި ޑިސިޕްލިނަކަށް އުޅޭ މީހެއް. ބޭނުންހާ އެއްޗެއް ނުލިޔެވޭނެ. ބޭނުންހާ ވާހަކައެއް ނުދެއްކޭނެ. އޭނައަކީ ފޭސްލެސް މީހެއްގެ ގޮތުގައި ތަޖުރިބާކާރުން ބުނަނީ. އޭނައަކީ އަޑެއް ނެތް މީހެއް. އޭނައަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަންޖެހޭ މީހެއް. ބޭނުން އެއްޗެއް ފޭސްބުކްގައި ނުލިޔެވޭނެ. ބޭނުންތާކު ބޭނުން ވާހަކައެއް ނުދެއްކޭނެ. އެއީ ޕްރޮފެޝަނަލް މީހެއް،" މެމްބަރު ސައްލެ ވިދާޅުވި އެވެ.

މެމްބަރު ސައްލެ ވިދާޅުވީ ސިވިލް ސާވިސްގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން، ގާނޫނުއަސާސީ އިން އޭނައަށް ލިބިދޭ ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރިޔަސް މައްސަލައެއް ނެތް ކަމަށް އެ މުވައްޒަފަކު އިއުތިރާފުވާ ކަމަށެވެ.