އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓުވާލުމަށް އެމްޑީޕީގެ އެކްޓިވިސްޓުން ރޭ ހަމަލާ ދިން ކަމަށާއި އަދި އެކަން ޕީޕީއެމުން މިއަދު ކުށްވެރިކޮށްފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ވަގުތީ ނައިބު ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތައް ކުރިއަށް ދާތީ އެކަމާ އެމްޑީޕީ އަށް ކެތްނުކުރެވިގެން މުޒާހަރާތައް ހުއްޓުވުމުގެ މަގުސަދުގައި އެކުޓިވިސްޓުން މަގުމައްޗަށް ނެރުނު ނަމަވެސް މުޒާހަރާތައް ހުއްޓާނުލައި ހިތްވަރާ އެކު ކުރިއަށް ގެންދާނެ ކަމަށެވެ.

"އެބޭފުޅުން [އެމްޑީޕީން] ކޮންމެ ގޮތަކަށް މުޒާހަރާތައް ހުއްޓުވާލަން މަސައްކަތް ކުރިނަމަވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. މިއީ ޝަރުއީ ނިޒާމުގެ ހިމާޔަތުގައި ހުރިހާ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ކަމެއް. މިކަމަށް ހައްލެއް ލިބެންދެން ކުރިއަށް ގެންދާނަން،" އުމަރު ވިދާޅުވި އެވެ.

އަބުދުއްރަހީމް ވިދާޅުވި ފުލުހުންނަށާއި ސިފައިންނަށް މުޒާހަރާތައް ނުހުއްޓުވި މުޒާހަރާތައް ދިގުލައިގެން ދިއުމުން ސަރުކާރަށް ކެތްކުރެވޭ ވަރުކަމަކަށް ނުވެގެން މުޒާހަރާތައް ހުއްޓުވަމަށް ޓަކައި އެމްޑީޕީން އެކްޓިވިސޓުން ފޮނުވައިގެން ހަމަލަ ދިން ނަމަވެސް އެބޭފުޅުން އެންމެ ތަންފުކެއް ވެސް ފަހަތަށްޖެހި ވަޑައި ނުގަންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރޭގައި މުޒާހަރާ އަށް އެމްޑީޕީން ހުރަސް އަޅައި އެސަރަހައްދުގައި ހަމަނުޖެހުން ހިންގުމުގެ ސަބަބަން މުޒާހަރާކުރާ ބައެއް ފަރާތްތަކަށް އަނިޔާވި ކަމަށާއި ޑީއާރްޕީގެ އިސް އެކްޓިވިސްޓު އީގަލް ޝަރީފަށް ދިންހަމަލާ ޕީޕީއެމްގެ ފަރާތުން ވަރަށް ހަރުކަށިކޮށް ކުށްވެރި ކުރާކަމަށެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އެމްޑީޕީން ކިތަންމެ ވަރަކަށް މުޒާހަރާއަށް ހުރަސް އެޅި ނަމަވެސް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށާއި މިރޭގެ މުޒާހަރާ ވެސް އާޓިފިޝަލް ބީޗްގައި އޮންނާނެ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ މުޒާހަރާތަކުގައި ބައިވެރިވާ މީހުން ފަހައި ފުލުހުން ދުވެ، އަތުލައި ހައްޔަރުކޮށް ކޯޓަށް ގެންގޮސް މާކުރީގެ ޑޮކިއުމަންޓްސްތަކުގެ މައްޗަށް ބުރަވެގެން މުއަދަތު އިތުރުކުރަން ފުލުހުން ކޯޓަށް ހުށައަޅާކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން މާލެތެރެ ހަލަބޮލިކުރުމަށް ކުރާ މަސައްކަތުގައި އެކިތަންތަނަށް ގެއްލުން ދިނުމަށް ފަހު މުޒާހަރާގެ ބައިވެރިންގެ ބޮލުގައި އެކަންކަން އަލުވައި ހައްޔަރުކުރާ ފަރާތްތަކުގެ ބޮލުގައި އެކަން އަޅުވަން މަސައްކަތްކުރާ ކަމަށެވެ.

"ރޭގައި ވެސް މުޒާހަރާގެ ބައިވެރިއަކު ހޮޓަލެއްގައި ސައިބޯން އިންދައި ފުލުހުން ގެންގޮސް އޭނާގެ މައްޗަށް ޗާޖް މިކުރަނީ ޑިފެންސް މިނިސްޓަރުގެ ކާރުގެ ބިއްލޫރިތައް ތަޅާލި މައްސަލަ،" ވައްޑޭ ވިދާޅުވި އެވެ.
ވައްޑޭ ވިދާޅުވީ އިދިކޮޅު އެއްވެސް ފަރާތެއް ފުލުހުން ހައްޔަރުކޮށްފި ނަމަ އެމީހެއްގެ ދިފާއުގައި ޕީޕީއެމުން މަސައްކަތް ކުރާނެ ކަމށެވެ.

އެމްޑީޕީގެ ސްޕޯސްޕާސަން އިމްތިޔާޒު ފަހުމީ މިއަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި މުޒާހަރާއާ ދެކޮޅަށް އެމްޑީޕީ ބަޔަކު ނުކުތް ކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް ޕީޕީއެމުން އެ ވާހަކަ އެ ގޮތަށް ދައްކާ އަޑު އެއްސެވި ކަމަށެވެ.