ކޮވިޝީލްޑް ވެކްސިން އެކްސްޕޯޓު ކުރުން އިންޑިއާ އިން ވަގުތީގޮތުން ހުއްޓާލަން ނިންމި ނަމަވެސް ރާއްޖެއަށް ވެކްސިން ލިބުމުގައި ދައްޗެއް ނޯންނާނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޗައިނާ އިން ރާއްޖެއަށް ހަދިޔާ ކުރާ ދެ ލައްކަ ވެކްސިން ޑޯޒް ރަމްޒީކޮށް ދިވެހި ސަރުކާރާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާއިން ހަދިޔާކުރި ދެ ލައްކަ ވެކްސިން ޑޯޒް އިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ޖަހަން ބޭނުންވާ ވެކްސިން ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔެއްގެ ހިތުގައި މިއަދު އުފެދޭ ސުވާލަކީ އެއްކޮނޑަށް އެއް ޑޯޒް ޖަހައިގެން ދެވަނަ ޑޯޒްގެ އިންތިޒާރުގައި ތިބެންޖެހެނީ ކިހާ ދުވަހަކުތޯ؟ އެ ސުވާލުގެ ޖަވާބު މިއަދު ހެނދުނު އިންޑިއާ ސަރުކާރުން އަޅުގަނޑަށް ދެއްވާފައި ވެއްޖެ. އިންޑިއާ ސަރުކާރުން ޔަގީންކަން ދެއްވާ މި ހަފްތާ ތެރޭގައި އިތުރު އެއް ލައްކަ ޑޯޒް ދިވެހި ރައްޔިތުންނަށް ފޮނުއްވައި ދެއްވާނެ ކަމަށް. އަދި ދެން އަޅުގަނޑުމެން ބޭނުންވާ އެއްލައްކަ ޑޯޒް ވެސް ދިވެހި ރައްޔިތުންނާ ހަމައަށް ފޮނުއްވައި ދެއްވާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ ދެ ލައްކަ ޑޯޒް ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން ދިވެހި ސަރުކާރުން ވަނީ އެ ވެކްސިންގެ ތިން ލައްކަ ޑޯޒް ގަތުމަށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އާއެކު އެއްބަސްވުމެއް އެކުލަވާލައިފައެވެ. މީގެ އިތުރުން އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާ އެކުވެސް ސަރުކާރުން ވަނީ ހަތް ލައްކަ ޑޯޒް ގެ ވެކްސިން ގަތުމަށް އެއްބަސްވުމެއް އެކުލަވާލައިފައެވެ.

އިއްޔެގެ ނިޔަލަށް 224،979 މީހުން ރާއްޖޭގައި ވަނީ ވެކްސިން ޖަހައިފައެވެ