25 Mar 2021, 11:59
ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ދެ ލައްކަ ވެކްސިން ޑޯޒްގެ ތެރެއިން އެއްލައްކަ ޑޯޒް ރާއްޖެ ގެނެސްފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންގެ ތެރެއިން ފުރަތަމަ އެއްލައްކަ ޑޯޒްގެ އެއް ބެޗު ރާއްޖެ ގެނެސްފައިވަނީ ރޭ މޯލްޑިވިއަންގެ ފްލައިޓެއްގަައި ކަމަށެވެ.
ޗައިނާގެ ސައިނޯފާމް ވެކްސިން ހަދިޔާ ކުރުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ މި ހާލަތުގައި ވެސް ޗައިނާ އިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އަށް ޝުކުރު އަދާކުރައްވައިފައެވެ.
"ވެކްސިންގެ ފުރަތަމަ ބެޗް ރާއްޖެ އަށް އައީ ރޭގައި. ދެވަނަ ބެޗް މިމަހުގެ 30 ގައި ރާއްޖެ ގެންނާނެ،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރަނީ ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް ވެކްސިން ގެނައުމަށް ކަމަށެވެ.
ރާއްޖޭގައި ސައިނޯފާމް ވެކްސިނަށް ހުއްދަ ދީފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ވެކްސިން ރާއްޖޭގައި ދޭން ފެށީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ ޗައިނާ އިން ހަދިޔާކުރި ދެލައްކަ ޑޯޒްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު، އެ ވެކްސިން ޖަހާ މީހުންނަށް ދެވަނަ ޑޯޒް ޖެހުމަށް، އަނެއް އެއްލައްކަ ޑޯޒް ބަހައްޓާނެ ކަމަށެވެ.
ޗައިނާ އިން ވެކްސިން ގެނައުމުގެ ކަންތަކުގައި ރާއްޖޭގައި މަސައްކަތްކުރާ ޗައިނާގެ ކުންފުނިތަކުން ފޯރުކޮށްދިން މާލީ އެހީތެރިކަން މިނިސްޓަރު ޝާހިދު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އިއްޔެގެ ނިޔަލަށް 224،979 މީހުން ރާއްޖޭގައި ވަނީ ވެކްސިން ޖަހައިފައެވެ.