25 Mar 2021, 09:51
ހިޔާ މަޝްރޫއުގައި ހިމެނޭ ފުލުހުންނާއި ސިފައިންގެ ފްލެޓު ކެޓަގަރީ އުވާލަން އުޅޭ ކަމަށް ބުނާ ވާހަކަތައް، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދޮގުކުރައްވައިފި އެވެ.
ފުލުހުންނާއި ސިފައިންގެ ފްލެޓު ކެޓަގަރީ އުވާލަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނާ ބަޔާނެއް އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން އިއްޔެ ވަނީ ނެރެފަ އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
"ހަމަ ކަނޑައެޅިގެން ރޯބުހުތާން ދޮގު!!!! ސިފައިންނަށް ކަނޑައެޅިގެން އެނގޭނެ އެމީހުންނަށް ލިބޭ 300 ފްލެޓުގެ ފޯމުތައް އެމްއެންޑީއެފްއިން ދިރާސާކޮށް، އިންޓަވިއުކޮށްފިކަން،" އެ ޓުވީޓުގައި މާރިޔާ ވިދާޅުވެފައިވެ އެވެ.
އެ ވާހަކަތަކާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން އަދި ވަކި އެއްޗެއް ބުނެފައިނުވެ އެވެ.
އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުލުހުންނަށް ކަނޑައެޅި 300 ފްލެޓާއި ސިފައިންނަށް ކަނޑައެޅި 300 ފްލެޓު ސަރުކާރަށް ނެގުމަށްޓަކައި އެ ކެޓަގަރީ އުވާލަން އުޅޭކަމުގެ މައުލޫމާތު އެ ޖަމިއްޔާއަށް ލިބުނީ ސިފައިންނާއި ފުލުހުންގެ ފަރާތުން ކަމަށެވެ.
"ހިޔާ ފްލެޓާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ކަންތައްކޮށްފައިވާ ގޮތުން، މިފަދަ ކަމެއް ކުރަން އުޅޭ ހަބަރު ލިބުމުން، އެފަދަ ކަމެއް ނުކުރާނޭ ބުނަން ވަރަށް ދަތި. ނަތީޖާއެއްގެ ގޮތުން އެ ކެޓަގަރީގައި ހިމެނޭ ފުލުހުންނާއި ސިފައިން މިވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފަ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓު ކެޓަގަރީ އުވާލަން އުޅޭކަމުގެ މަޝްވަރާތަކެއް ކުރަމުންދޭތޯއާއި އެކަން އެގޮތަށް ކޮށްފާނެތޯ ނުވަތަ ނޫންތޯ އާންމުންނާއި އަދި ވަކިން ހާއްސަކޮށް ސިފައިންނާއި ފުލުހުންނަށް ސާފުކޮށްދިނުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.