ދިއްލީ (މާޗް 25): އޮކްސްފޯޑް ޔުނިވާސިޓީ އާއި އެކްސްޓްރާޒެނެކާއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން އިންޑިއާއިން ތައްޔާރު ކުރާ ކޮވިޝީލްޑް ވެކްސިން އެގައުމުން އެކްސްޕޯޓު ކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިން އެކްސްޕޯޓު ކުރުން ހުއްޓާލީ އެގައުމުގައި ކޮވިޑް-19އިގެ ކޭސްތައް އިތުރު ވަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި އެގައުމުން ދަނީ 45 އަހަރުން މަތީގެ އެންމެންނަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވެކްސިން ޖެހޭނެ ގޮތް ހެދުމަށް ތައްޔާރުވަމުންނެވެ.

އެހެންކަމުން އިންޑިއާއަށް ބޭނުންވާ ވެކްސިން ޑޯޒްގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ވާނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ބީބީސީއަށް މައުލޫމާތު ދެއްވި އެވެ.

"[އެކްސްޕޯޓު ހުއްޓުވުމަކީ] ވަގުތީ ފިޔަވަޅެއް. އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ގައުމުގައި އޮންނަ ޑިމާންޑަށް،" ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

އިންޑިއާއިން ބުނި ގޮތުގައި އެގައުމުން އަންނަ ހަފްތާ ނިމެންދެން ވެކްސިން އެކްސްޕޯޓު މަޑު ޖައްސާލާފައި އޮތުން އެކަށީގެންވެ އެވެ. ނަމަވެސް އަންނަ މެއި މަހަށް އެގައުމުން އިތުރު ކޮވިޑް ވެކްސިންއެއް ބޭނުން ކުރަން ހުއްދަ ދިނުން އެކަށީގެންވާ ކަމަށާއި އޭރުން ކޮވިޝީލްޑް ވެކްސިން އަނެއްކާވެސް އެކްސްޕޯޓު ކުރެވޭނެ ކަމަށް އެގައުމުން ލަފާ ކުރެ އެވެ.

ނަމަވެސް ކޮވިޝީލްޑްގެ އެކްސްޕޯޓު ހުއްޓުމާ ބެހޭ ގޮތުން އެސްއައިއައި އާއި އިންޑިއާ ސަރުކާރުން ރަސްމީކޮށް އެއްޗެކޭ ބުނެފައި ނުވެ އެވެ.

އެސްއައިއައި އިން މީގެ ކުރިން ވަނީ އިނގިރޭސިވިލާތާއި ބްރެޒިލް އާއި ސައުދީ އަރަބިއާ އާއި މޮރޮކޯއަށް ފޮނުވަން އޮތް ކޮވިޝީލްޑް ޝިޕްމެންޓުތަކެއް ފަސްކޮށްފަ އެވެ.

އިންޑިއާގައި މިއަހަރު ފެށުނު އިރު ކޮވިޑް-19އިގެ ކޭސްތައް މަދުވި ނަމަވެސް މިހާރު ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ރެކޯޑު މިންވަރުތަކަށް އަރާފަ އެވެ. އެގައުމުގައި މިހާތަނަށް 11.7 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު ބަލީގައި 160،000އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 16އިގައި ކޮވިޑް ވެކްސިން ޖަހަން ފެށި އިންޑިއާގައި މިހާތަނަށް 47 މިލިއަން މީހުންގެ ގަޔަށް ވެކްސިން ޖަހާފައިވެ އެވެ. އަދި އެގައުމުން އުއްމީދު ކުރަނީ މިއަހަރުގެ ފުރަތަމަ ހަތް މަސް ތެރޭ 600 މިލިއަން ޑޯޒް ޖަހާ ނިމޭނެ ކަމަށެވެ.