05 Feb 2012, 15:48
އެފްރިކާ ގައުމުތަކުން ވާދަކުރާ އެފްރިކަން ނޭޝަންސް ކަޕް ސެމީ ފައިނަލުގެ ފުރަތަމަ ދެ ޖާގަ އައިވަރީ ކޯސްޓް އަދި ޒެމްބިއާ އިން ކަށަވަރު ކޮށްފި އެވެ.
ސެމީ ފައިނަލުން އައިވަރީ ކޯސްޓް ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި މިމުބާރާތް ކުރިއަށްދާ އެއް ގައުމު ކަމަށްވާ އީކުއެޓޯރިއަލް ގިނީ އާއި ވާދަކޮށް 3-0 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ދެލަނޑު އައިވަރީ ކޯސްޓަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ކެޕްޓަން ޑިޑިއާ ޑްރޮގްބާ އެވެ.
މެޗުގެ 29 ވަނަ މިނެޓުގައި އައިވަރީ ކޯސްޓަށް ލިބުނު ފުރަތަމަ ފުރުސަތު ގެއްލުވާލީ ވެސް ޑްރޮގްބާ އެވެ. އައިވަރީ ކޯސްޓަށް ލިބުނު މި ޕެނަލްޓީ ޑްރޮގްބާ އަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް މެޗުގެ 36 ވަނަ މިނެޓުގައި ޑްރޮގްބާ ވަނީ އައިވަރީ ކޯސްޓަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 69 ވަނަ މިނެޓުގައި ޑްރޮގްބާގެ ދެވަނަ ލަނޑު ފެނުނު އިރު، އައިވަރީ ކޯސްޓްގެ ތިންވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޔާޔާ ޓޫރޭ އެވެ. މި މެޗު ނިމުގެންދިޔައީ 3-0 ލަނޑުން އައިވަރީ ކޯސްޓް ކުރީގައި އޮވެގެންނެވެ.
މިމުބާރާތުގައި ރޭ ކުޅުނު އަނެއް މެޗު ވެސް ނިމިގެންދިޔައީ 3-0 ލަނޑުންނެވެ. ސޫދާން އަތުން މޮޅުވުމަށް ފަހު ޒެމްބިއާ ވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މެޗުގެ ފަނަރަ ވަނަ މިނެޓުގައި ޒެމްބިއާ އަށް ލީޑު ހޯދައިދިނީ ސްޓޮފިރާ ސުންޒޫ އެވެ. މެޗުގެ 65 ވަނަ މިނެޓުގައި ޒެމްބިއާ އަށް ލިބުނު ޕެނަލްޓީ އެޓީމުގެ ކެޕްޓަން ކްރިސްޓޮފާ ކަޓޮންގޯ އަތުން ނާކާމިޔާބުވީ ނަމަވެސް ރީބައުންސުން ލަނޑެއް ކާމިޔާބު ކޮށްފައި ވެއެވެ. މެޗުގެ 86 ވަނަ މިނެޓުގައި ޒެމްބިއާގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޭމްސް ޗަމަންގާ އެވެ.
އެފްރިކަން ނޭޝަންސް ކަޕް ސެމީ ފައިނަލު ފަހު ދެޖާގަ ކަށަވަރު ވާނީ މިރޭ ކުޅޭ ދެމެޗަށް ފަހު އެވެ. ރާއްޖެ ގަޑިން މިރޭ 9:00 ގައި ފުރަތަމަ ވާދަކުރާނީ މި މުބާރާތް ކުރިއަށްދާ އެއް ގައުމު ކަމަށްވާ ގެބޮން އާއި މާލި އެވެ. އަނެއް މެޗުގައި މިރޭ 12:00 ގައި ވާދަކުރާނީ ގާނާ އާއި ޓިއުނީސިއާ އެވެ.